އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އައިޖީއެމްއެޗްގެ ނަރުސް ހަލީމަތު ލަމްހާ، އޭނާ ހައްޔަރުކޮށްފާނެ ކަމަށް ބެލެވޭ ކަމަށް މީހެއްގެ ކައިރި ބުނި ކަމަށް ހެކިވެރިއަކު ބުނެފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ މިދިޔަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އެތަނުގައި މަސައްކަތް ކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގެ ހެކިބަސް ނެގުމުގެ ޝަރީއަތްތައް މިހާރު ކުރިއަށްދާއިރު މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަށް ދައުލަތުން ތިން ހެއްކެއް ވަނީ ހުށަހަޅާފައެވެ. އެއިން ދެ ހެއްކަކީ ފުލުހުންގެ ވަޒީފާ އަދާ ކުރާ ދެ މީހަކަށްވާއިރު އެއިން އެއް ހެކިވެރިޔަކީ ލަމްހާގެ އުފަން ރަށް ޅ. ހިންނަވަރަށް ނިސްބަތްވާ ފުލުހެކެވެ.

އޭނާ ބުނާ ގޮތުގައި ލަމްހާ އޭނާއަށް ގުޅާފައި މޭރީ ދަންޖެހިގެން މަރުވެގެން އުޅޭ ކަމަށާއި، އެކަމާ ގުޅުވައި އޭނާ ހައްޔަރުކުރަން އުޅޭ ކަމުގެ ވާހަކަތަކެއް އިވޭކަމަށް ބުނެ، އެއީ ކިހިނެއްވާ ކަމެއްތޯ ބެލުމަށް ވަނީ އެދިފައެވެ. ނަމަވެސް އޭގެ ފަހުން އެކަމާ ގުޅޭގޮތުން އެދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވިފައިނުވާކަމަށް ހެކިވެރިޔާ ބުނެއެވެ.

ދެން ހެކިބަސް ދިން ފުލުސް މީހާ ބުނީ، ލަމްހާ އޭނާއާ ދިމާވީ ސޯޝަލް މީޑިއާއިން ކަމަށާއި، މެރީ މަރުވެގެން އުޅޭކަން ލަމްހާ އޭނާ ގާތުގައި ގުޅާފައި ބުނި ކަމަށެވެ.

ތިންވަނައަށް ހާޒިރުކުރީ ލަމްހާއާއެކު އައިޖީއެމްއެޗުގައި މަސައްކަތް ކުރި ނަރުހެކެވެ. އޭނާ ބުނާ ގޮތުގައި މާވިންއާ ވާހަކަ ދައްކާކަން ފިޔަވައި އެމީހުންގެ ގުޅުމާބެހޭ މާ ގިނަ ކަންކަމެއް އޭނާއަކަށް ނޭނގެއެވެ. އަދި މެރީ މަރުވެގެން އުޅޭކަން އޭނާއަށް އެނގުނީ ވައިބާ ގްރޫޕަކުން ކަމަށް ވެސް އެ ހެކިވެރިޔާ ވަނީ ބުނެފައެވެ.

ހެކިންގެ ހެކިބަސް ނެގުމަށްފަހު މޭރީގެ މެޑިކަލް ލިއެކިއުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާއިރު ދައުލަތުގެ ވަކީލު ވަނީ ޝަރީއަތުން ދެންނެވި ގޮތަށް ދައުލަތުން އައިޖީއެމް މެދުވެރިކޮށް އިތުރަށް ސާފު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މޭރީގެ ޑެތު ސަމަރީއާއި، ޑޮކްޓަރުންނާއި ނަރުހުން އަތުލިއުމުން ލިޔެފައިވާ ނޯޓުތަކާއި، އޭނާގެ ޕީސީއާރް ޓެސްޓުގެ ނަތީޖާއާއި، އޭނާގެ ސީޓީ ސްކޭން ފިޔަވައި އިތުރު ލިއުމެއް ނޯންނާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވާކަން ދައުލަތުގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ދިފާއުން ބުނީ، މޭރީ އިންކިއުބޭޓް ކުރެވުނުކަމަށް އެތަނުގައި އޭރު ހުރި އޭނާގެ ފިރިމީހާ މާވިން ބުނާ ކަމަށާއި، އިންކިއުބޭޓަރުން ހޮޅިތައް ނައްޓާލީވެސް ފޮރެންސިކް ޓީމުން އައުމުންކަމަށް އެ ފަރާތުން ބުނާއިރު، އެކަމާ ގުޅޭ އެއްވެސް ލިއެކިއުމެއް ނެތް ކަމަށެވެ.

ގާޒީ ފާއިޒު ވިދާޅުވީ އައިޖީއެމްއެޗްގެ ތަތްގަނޑާއެކު އޮތް އެ ލިޔެކިއުންތައް ކޯޓަށް ލިބިފައިވާއިރު، އެފަދަ އިދާރާއަކުން ޝަރީއަތަށް އޮޅުވާލުމުގެ ގަސްތުގައި މައުލޫމާތު ދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ނަމަވެސް ލިޔުންތައް ދިރާސާކުރުމަށް ފަހު، އައިޖީއެމްއެޗްގެ ވެރިން ހާޒިރުކުރަން ޖެހޭ ކަމެއް އޮތް ނަމަ، ހާޒިރުކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.