ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ޖަލުތަކުގައި މީހުންނަށް ކުރި އަނިޔާތަކުގެ ހަގީގީ ހާދިސާ ވާހަކައެއް ލިޔުއްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރީކޯ މިހެން ވިދާޅުވީ، ނޮވެންބަރު 3 ގެ އުދުވާނީ ހަމަލައާ ގުޅޭ ރަނގަޅު މައުޟޫއީ ދިރާސާއެއް ހަދައި ކިޔަވާ ކުދިންގެ މުގައްރަރުތަކުގައި ހިމެނުމަށް ރައީސް މައުމޫން ގޮވާލައްވައި އެމަނިކުފާނު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. ރީކޯ މޫސަ ވިދާޅުވީ، ޖަލުތަކުގައި މީހުނަށް ކުރި އަނިޔާގެ ހަގީގީ ހާދިސާ ވާހަކަތައް ވަރަށް ތަފްސީލްކޮށް ލިއުއްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ވާހަކަ ވެސް ކިޔަވާ ކުދިންގެ މުގައްރަރުތަކަށް ލައިދިނުމަށް ރީކޯ އެދިވަޑައިގެންފައި ވެއެވެ.
މީގެ އިތުރުން ދޫނިދޫ ޖަލާއި ގިރިފުށީ ޖަލާއި ގާމާދޫ ޖަލުގައި އޭނާއަށް ލިބުނު އަނިޔާއަށް ފިލްމެއް ވެސް ހެދޭތޯ ބައްލަވަމުން ގެންދަވާ ކަމަށް ރީކޯ ވިދާޅުވިއެވެ. އަދި "އެ މާޒީ ފޮހެލައިގެން ނުވާނެ ނޫންތޯ" މިހެން ރީކޯ ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުގައި އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ޝުއޫރު ފާޅުކުރުމާ ގުޅިގެން ގިނަބަޔަކު ޖަލަށް ލިއެވެ. އޭގެ އިތުރުން ޖަލުގައި އީވާން ނަސީމް މަރުވި ހާދިސާ އާ ގުޅިގެން ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނިކުމެ ނުރުހުން ފާޅުކޮށްފައި ވެއެވެ.
މިއަދާ ހަމައަށް އައި އިރުވެސް ރީކޯ މޫސަ ވަނީ މައުމޫންގެ ވެރިކަމުގެ ދުވަސްވަރު، އޭނާ ޖަލަށް ލައި އަނިޔާ ކޮށްފައިވާ ކަމަށް ވިދާޅުވަމުންނެވެ. ރީކޯ މޫސަގެ އިތުރުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މައުމޫން ވެރިކަމުގައި އެމަނިކުފާނު ވެސް ޖަލަށް ލައި އަނިޔާ ކުރި ކަމަށް ވިދާޅުވެފައެވެ.
ގިނަ ބަޔަކު މިފަދައިން މައުމޫންގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއްގެ ގޮތުގައި ސިފަ ކުރާ އިރު މައުމޫން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މައުމޫނުގެ ވެރިކަމުގައި ނުހައްގުން މީހުންނަށް އަނިޔާ ދިން ކަމަށް ބުނާ ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައި ވަނީ ކުށެއް ނުކުރާ މީހަކު ޖަލަށްލާފައި ނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ރީކޯ މައުމޫނަށް ރައްދު ދެއްވައި ޓްވީޓެއް ކުރެއްވި އިރު، އޭނާ އިއްޔެ ނޫން އިހަށް ދުވަހު އެމްޑީޕީއަށް ސޮއިކުރައްވާ، ޕާޓީ އޮފީހަށް ވަޑައިގެން ފުރަތަމަ ފެއްޓެވީ ރޯށެވެ. މޫސަ އެމްޑީޕީއަށް ސޮއި ކުރެއްވި އިރު އޭނާ، ޓްރެކްޓަރު ދުއްވާ ލަވައަކުން މަޝްހޫރު ކަން ހޯދި މަރިޔަމް ނިޝާވެސް މިހާރު ވަނީ އެމްޑީއަށް ސޮއިކޮށްފައެވެ.