ރޭ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަަސަރުކުރި ތަކެތި ބޭނުންކުރާނެ ގޮތުގެ އިރުޝާދު އެޗްޕީއޭއިން ދީފިއެވެ.
އެޗްޕީއޭއިން ވަނީ އަލިފާނުގެ ހާދިސާއަކަށްފަހު ގެއަށް ބަދަލުވާއިރު ސަމާލުކަން ދޭން ވީ ބައެއް ކަންތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ދޮވެ ސާފުނުކުރެވޭ ގޮދަނޑި، ސޯފާގެ ފޮތި، ސްޕޮންޖް، ކާޕެޓް، ރަގު، ބާލިސް އަދި ބެޑް ކަވަރު ފަދަ ތަކެތި އުކާލުމަށާއި ސާފުކުރުމުގެ ހަރަކާތްތެރިވާއިރު އަންގިއާއި މާސްކު ބޭނުންކުރަން ބުނެފައެވެ. އަދި ފާރުތަކާއި ފެންނަން ހުންނަ ތަންތަނުގައި ގެދަބުޅި ޖަހާފައިވާނަމަ ސައިބޯނި ފެން ބޭނުންކޮށްގެން ރަނގަޅަށް ދޮވުމަށާޢި ހާމައަށް ބެހެއްޓިފައިވާ އަންނައުނާއި ކުޑަކުދިން އުޅެން ގެންގުޅޭ ކުޅޭތަކެތި ސައިބޯނިލައިގެން ރަނގަޅަށް ދޮވުމަށް އިލްތިމާސްކޮށްފައެވެ.
ސޮފްޓް ޓޯއީސް އާއި ގޭތެރެ ސާފުކުރުމަށާއި އަންނައުނު ދޮވުމަށް ބޭނުން ކުރާ ކްލީނާ ފަދަ ތަކެތި އުކާލަން ބުނެފައިވާއިރު ދޮމުގެ ސަބަބު ހަރުލާފައި ހުރި ކުނޑިއާއި ގެދަބުޅި ފަދަ ތަކެތި ރައްކާތެރި ވުމަށް އެއާ ކޮންޑިޝަނަން ޔުނިޓް އަދި އެކްސްހޯސްޓް ފަދަ ތަކެތި ރަނގަޅަށް ސާފުކުރުން ނުވަތަ ދޮވުމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުން:
- ހޫނާއި ދުމުގެ އަސަރުކޮށްފައިވާ ކާބޯތަކެއްޗާއި ބޭސް އުކާލާ
- ކެއްކުމަށާއި ކެއުން ބުއިމަށް ބޭނުންކުރާ( ތެލި، ތަށި، ސަމުސާ ދޭފަތް ފަދަ ތަކެތި) ތަށި ދޮންނަން ބޭނުންކުރާ ސައިބޯނިން ރަނގަޅަށް ދޮވުން
- ބިއްލޫރި އަދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައިވާ ބުއިތައް ބޭނުންނުކޮށް އުކާލާ
- ސީދާ އަލިފާނަށް ހުށަނޭޅޭނަމަ ބަންދުކޮށްފައި ހުންނަ ކާނާ ބޭނުން ކުރުމުގެ ކުރިން ދަޅުގެ ބޭރު ރަނގަޅަށް ދޮވުން
- ކިރު ޕެކެޓް، ޔޯގަޓް، ޗީޒް ފަދަ ކިރުން އުފައްދާފައިވާ ތަކެތި އުކާލާ
- ހަނޑޫ ހަކުރު ފުށާއި އެފަދަ ތަކެތިން އުފައްދާފައިވާ ކާތަކެތި އުކާލާ
- ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ކާނާ، އަސާރަ ރިހާކުރު ސޯސް ފަދަ ތަކެތި އުކާލާ
- 4 ގަޑިއިރަށް ވުރެ ގިނައިރު ކަރަންޓް ނެތް ނަމަ ފްރިޖުގައި ހުރި ކައްކާފައިވާ ކާ އެއްޗެހި އުކާލާ
- 24 ގަޑިއިރަށް ވުރެ ގިނައިރު ކަރަންޓް ނެތް ނަމަ ފްރިޖުގައި ގަނޑުކޮށްފައިވާ ކަނޑުމަހާއި އެއްގަމުމަސް އުކާލާ
ދުމުގެ އަސަރުކުރި ސަރަހައްދަށް ނިކުތުމުގެ ކުރިން އަނގަޔާއި ނޭފަތް ނިވާކުރުމާއި ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ގޭގެ ދޮރާއި ކުޑަދޮރުތައް ދުން ނުވަންނާނޭހެން ބަންދުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ ނޭވާލާ ނިޒާމާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ސަބަބުން ކުރާ އަސަރު ބޮޑުވާނެ ކަމަށާއި ނޭވާކުރުވުމާއި ނޭވާލާން އުނދަގޫވުމާއި ގަދަޔަށް ބޯއެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދަންވާނެ ކަމަށެވެ.