2030 ވަނަ އަހަރު ނެޓް ޒީރޯ އެމިޝަން ހާސިލްކުރުމަށް ސްޓެލްކޯއާ އެކު 30 އަހަރުގެ ގުޅުން އޮތް ފިންލެންޑްގެ ޓެކްނޮލޮޖީ ގްރޫޕް ވާޓްސިލާ އާއެކު ސްޓެލްކޯ އިން މަޝްވަރާ ކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ، ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އެހީގައި 2030 ވަނަ އަހަރު ނެޓް ޒީރޯ އެމިޝަން ހާސިލް ކުރުމަށް ސްޓެލްކޯއިން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ގުޅޭގޮތުން އެކުންފުންޏާއި ވާޓްސިލާ ކުންފުންޏާ ދެމެދު ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކުގެ އަލީގައި ހެދިފައިވާ ދިރާސާތަކާ މެދު ވާހަކަ ދައްކާފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

ވާޓްސިލާ ކުންފުނިން ސްޓެލްކޯ އާ އެކުގައި މަސައްކަތް ކުރާތާ 30 އަހަރު ފުރުން ވެސް ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ވާޓްސިލާއިން ވަނީ ސްޓެލްކޯގެ އަގުވަޒަންކޮށް މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ސްޓެލްކޯގެ މާލޭ އިންޖީނުގެއަށް ބޭނުންވާ އެންމެ ފުރަތަމަ ވާޓްސިލާ އިންޖީނު ގަތީ 1990 ވަނަ އަހަރުއެވެ. މި އިންޖީނުތައް މިއަދުވެސް ވަރަށް ހަރުދަނާ ގޮތެއްގައި ހިންގަމުން އަންނަ އިރު، އިންޖީނުގެތަކުގެ ހަރުދަނާ ޓެކްނޮލޮޖީ އާއި، ރިލައިބިލިޓީ އާއި ދިގު އުމުރުގެ އުއްމީދުތައް ފާހަގަކޮށް، އިންޖީނުގެތައް ހިންގުމާއި ބެލެހެއްޓުމުގައި ސްޓެލްކޯއިން އަންނަނީ އަގު ހުރި މަސައްކަތްތަކެއް ކުރަމުންނެވެ.

މި ކާމިޔާބުގެ ސަބަބުން ވާޓްސިލާ އާއި ސްޓެލްކޯއާ ދެމެދު ދިގު މުއްދަތުގެ ގުޅުން ދެމެހެއްޓިފައި ވާއިރު، އެ އިންވެސްޓްމަންޓަށް ފަހު ސްޓެލްކޯއިން ވަނީ މާލޭ ޕްލާންޓަށް އިތުރު ހަ ވާޓްސިލާ އިންޖީނު އިތުރު ކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރު ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގައި ހަ ވާޓްސިލާ އިންޖީނު ބަހައްޓާފައި ވެއެވެ. އިންސްޓޯލް ކޮށްފައިވާ މި ހުރިހާ ޖެނެރޭޓިން ސެޓްތަކަކީ ވެސް އޮޕަރޭޝަނަލް އަދި ހަރުދަނާ ގޮތެއްގައި އެ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދޭ ސެޓްތަކެކެވެ.