ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން އު ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް ޗައިލްޑް ކެއާ ސެންޓަރެއް ހުޅުވައިފިއެވެ.

އެއީ ރާއްޖޭގެ ސަރުކާރުގެ ކުންފުންޏަކުން މިފަދަ ތަނެއް ހެދި ފުރަތަމަ ފަހަރެވެ.

ސްޓެލްކޯގެ ހެޑް އޮފީހުގެ އެއްވަނަ ފަންގިފިލާގައި ހުޅުވި ޗައިލްޑް ކެއާ ސެންޓަރަކީ އެ ކުންފުނީގެ މުވައްޒަފުންގެ ދަރިން، އޮފީސް ވަގުތުތަކުގައި އޮފީހުގައި ރައްކާތެރިކަމާއެކު ތިބެވޭނެ ފަދަ ގޮތަކަށް ފަރުމާ ކޮށްފައިވާ ތަނެކެވެ. އެ ސެންޓަރުގައި ހިދުމަތް ހޯދާ ކުދިން ބެލެހެއްޓުމުގައި ތިބެނީ ކަމަށް ގާބިލް، ކުދިން ގެންގުޅުމުގެ ހުނަރު ހުރި މުވައްޒަފުން ކަމަށާއި ކުދިންގެ އުމުރާ ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތަކާއި، ކުޅިވަރުގެ ތެރެއިން އުނގެނުމަށް ވެސް އިސްކަން ދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެ ޗައިލްޑް ކެއާ ސެންޓަރުގައި އުމުރުން 5 އަހަރާއި 10 އަހާރަ ދެމެދުގެ ކުދިންނަށް ހިފުމަތް ދޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އެ ސެންޓަރު ހުޅުވާފައި ހުންނާނީ ސަރުކާރުގެ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:15 އިން ހަވީރު 4 އަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ޗައިލްޑް ކެއާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ އެ ސެންޓަރަކީ ސަރުކާރުން މުވައްޒަފުންނަށް ދިން ހަދިޔާއެއް ކަމަށާއި، އެ ހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަން ވާނީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުން ކަމަށެވެ. އަދި ރައްޔިތުންނަށް މިހާރަށް ވުރެ ފުރިހަމަ ހިދުމަތް ދިނުމަށް މުވައްޒަފުންގެ ކިބައިން ޝަރީފް އެދިލެއްވިއެވެ.

ޗައިލްޑް ކެއާ ސެންޓަރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދުރު ވިސްނުންފުޅާއި، އިސްނެންގެވުމާ އެއްގޮތަށް ސްޓެލްކޯގެ މެނޭޖްމަންޓުން ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރު ކުރާ މާހައުލެއް ހޯދައި ދިނުމުގެ ގޮތުން ގާއިމްކުރި ތަނެކެވެ.