ޗާގޯސް މައްސަލައާ ގުޅޭ ލިޔެކިއުންތައް މަޖިލިހަށް ފޮނުވާފައިވާ ކަމަށް، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވި ވާހަކަ ރައްޔިތުންގެ މަޖިލިހުން ދޮގުކޮށްފިއެވެ.

އިމުގެ މައްސަލައިގައި މަޖިލިހަށް ސަރުކާރުން އެއްވެސް ކަމެއް ނާންގާ ކަމަށް ބައެއް މެންބަރުން ވިދާޅުވެފައި ވަނިކޮށް، ރައީސް އޮފީހުގައި ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރިފްއަތު ވިދާޅުވީ، މިދިޔަ ފެބްރުއަރީ 17 ގައި އެ މައްސަލައިގެ މައުލޫމާތުތައް މަޖިލިހާ ހިއްސާ ކުރައްވާފައި ވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި މަޖިލީހުން ބުނީ، ޗާގޯސް ރަށްތަކުގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ކަމަށް ބުނާ ސިޓީ އާއި، ޗާގޯސް މޮރިޝަސް އާ ހަވާލުކުރުމަށް ގޮވާލާ ގަރާރަށް އދ ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން ނަގަމުން އައި ސްޓޭންޑް ބަދަލުކޮށްފައިވާ ކަން، މަޖިލިހާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އައިސީޖޭން 2019 ގައި ނިންމި ނިންމުމުގައި އިނގިރޭސިވިލާތުން މޮރިޝަސް އަށް ޗާގޯސް ހަވާލުކުރަން ޖެހޭ ކަމަށް ނިންމި ނިންމުމާ ގުޅުވައި، އދ. ގެ އާންމު މަޖިލިހުގައި ދޭ ވޯޓުގައި ކުރިން އަމަލުކުރި ގޮތާ ހިލާފަށް މިފަހަރު މޮރިޝަސް އާ އެއްކޮޅަށް ރާއްޖޭން ވޯޓު ލާން ނިންމި ސަބަބާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުވިކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިނުވާ ކަމަށް މަޖިލިހުން ބުންޏެވެ.

އެ މައްސަލައިގައި އަމިއްލަ ފަރާތަކުން މަޖިލިހަށް ފޮނުވި ސިޓީއަކާ ގުޅިގެން އެ މައްސަލަ ދިރާސާކުރުމަށް އެޓާނީ ޖެނެރަލާއި، އެ އޮފީހުގެ ކަމާބެހޭ ބޭފުޅުންނާ ބައްދަލުކުރައްވައި، މައުލޫމާތު ސާފުކުރުމަށް އެދިވަޑައިގެން މަޖިލިހުގެ ކަމާބެހޭ ކޮމިޓީން ފެބްރުއަރީގައި ދެ ސިޓީ އެއް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ކަމަށް މަޖިލިހުގެ ބަޔާނުގައި ވެއެވެ. އެ ސިޓީތަކުގެ ޖަވާބުގައި އޭޖީން ފާހަގަކޮށްފައިވާ ކަމަށް ބުނާ ކަންކަމަކީ:

  • ޗާގޯސް މައްސަލައިގައި އިޓްލޮސް އަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ކަންކަމަކީ ހުޅުވާލައިގެން ބޭއްވޭނެ އެ މައްސަލައިގެ އަޑުއެހުން ބޭއްވުމާ ހަމައަށް ސިއްރު ހިފަހައްޓަން ޖެހޭ ކަންކަން
  • އެހެންކަމުން އެ ލިޔުންތަކުގެ ތަފްސީލު ހާމަނުކުރަން ރާއްޖެ ތަމްސީލުކުރާ ގާނޫނީ ވަކީލުންގެ ޓީމުން ލަފާ ދެއްވާފައިވޭ
  • އެ މައްސަލައިގެ އަޑުއެހުން ބޭއްވުމުގެ ކުރިން މައްސަލައިގައި ރާއްޖެ އާ ދެކޮޅަށް ބޭނުންކުރެވިދާނެ ފަދަ ވާހަކަތައް އާންމުނުކުރުމަށް ސަމާލުވުމުގެ މުހިންމުކަމާއި އެ ކަމުގެ ސަބަބުން އެ މައްސަލަ އަށް ނޭދެވޭ އަސަރު ކުރާނެ ކަން އެ ބޭފުޅުން ފާހަގަކުރައްވާފައިވާ ކަމަށް
  • އެހެންކަމުން އެ ސިޓީ އާ އެކު ހިމަނާފައިވާ ހުރިހާ ލިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށް އޭޖީ އޮފީހުން އެދުނު

އޭގެ ފަހުން އެ އޮފީހުން އެއްވެސް މައުލޫމާތެއް މަޖިލިހާ ހިއްސާ ނުކުރާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

އަދި މަޖިލިހަށް ހުށަހަޅަން ޖެހޭ ކަންކަން ހުށަހެޅުމަށްޓަކައި އޮންނަ އިޖުރާއަތުތަކާއި މަޖިލިހުގެ ރުހުން ހޯދުމަށް ނުވަތަ ކަމެއް ފާސްކުރުމަށް އޮންނަ އިޖުރާއަތުތައް އޮޅޭ ގޮތަށް މަސްއޫލު ފަރާތްތަކުން މައުލޫމާތު ނުފެތުރުމަށް އެ އިދާރާ އިން ވަނީ އިލްތިމާސްކޮށްފައެވެ.