ގްރޫޕް މާރާމާރީއެއް ހިންގައި ގއ. މާމެންދޫގައި މިދިޔަ އަހަރުގެ ކުރީކޮޅު މަރާލި އަހްމަދު އުދައްޔުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ޝަރަފް ރަޝީދުގެ އަތުން ލޭ ހޭކިފައިވާ ވަޅި އެއް ފެނުނު ކަމަށާއި، އެ ވަޅި ހިފައިގެން ހުރެ އުދައްޔުގެ ދޮންބައްޕަ އަށް މަރުގެ އިންޒާރު ދިން ކަމަށް ހެކިވެރިއަކު ހެކިބަސް ދީފިއެވެ.

އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ހަތަރު މީހަކަށް ދައުވާ ކުރެއެވެ. އެއީ:

  • 18 އަހަރުން ދަށުގެ ކުޑަކުއްޖެއް
  • އަހުމަދު ޝަމީމް، ރިހިފަރުދާގެ / ގއ. މާމެންދޫ
  • ޝަރަފް ރަޝީދު، ބިލަތްމާގެ / ގއ، މާމެންދޫ
  • މުހައްމަދު މާޒިން، ގުލްފާމުގެ / ގއ. މާމެންދޫ

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުލަތުގެ ދެ ހެކިވެރިއަކު ހެކިބަސް ދީފައި ވެއެވެ.

އޭގެ ތެރެއިން އެކަކަކީ ދެ ގްރޫޕްގެ ދެމެދުގައި މާރާމާރީ ހިންގި އިރު އެ މަންޒަރު ފެނުނު މީހާއެވެ. އޭނާ ބުނީ، ދައުވާ ލިބޭ ޝަރަފް އުދައްޔުގެ ދޮންބައްޕަ އާ ޒުވާބުކޮށް، މަރުގެ އިންޒާރުދިން ތަން ދުށް ކަމަށާއި، އޭރު އޭނާގެ އަތުގައި ލޭ ހޭކިފައިވާ ވަޅިއެއް ވެސް އޮތް ކަމަށެވެ.

ނަމަވެސް އުދައްޔު އަށް ޝަރަފް ހަމަލާދެނިކޮށް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާ ކިޔައިދިން ގޮތުގައި، އެ މައްސަލައިގައި ދައުވާ ލިބޭ މާޒިނާއި އެހެން މީހަކާ ދެމެދު ހަމަނުޖެހުމެއް ހިނގައިދިޔަ މަންޒަރު ފެނުނެވެ. އޭނާ ބުނި ގޮތުގައި އެ ހަމަނުޖެހުން ހިނގީ އެ މީހާ ގޮސް މާޒިންގެ ބޮލުގައި ހިފުމުންނެވެ.

ކީހުން ހަމަލަދެނިކޮށް ނުފެނުނަސް، އަތުން ޖެހި މަންޒަރު ފެނުނު ކަމަށާއި، ނަމަވެސް އުދައްޔު އަށް މާޒިން ހަމަލަދިން ތަން ނުފެންނަ ކަމަށް ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނީ، މާޒިނާއި ޝަރަފްގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބޭ ޝަމީމް، އެއްވެސް ވަރަކަށް އެ ތަނުން ފެނިފައި ނުވާ ކަމަށެވެ.

އެއަށްފަހު އެ މައްސަލައިގައި ދައުވާ ލިބޭ ދެ މީހަކު ހައްޔަރުކުރަން ދިޔަ ދެ ފުލުހެއްގެ ހެކިބަސް ވެސް މިއަދު ނަގާފައިވެއެވެ. ދެ ފުލުހުންގެ ހެކިބަސް ނަގާފައި ވަނީ، އުދައްޔުގެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމާއި ގާނޫނީ އިންޒާރު ދިނުމަށް ފަހުގައި ކަން ސާބިތު ކުރުމަށެވެ.

މާޒިނާއި ޝަމީމްގެ ފަރާތުން ބުނީ، ސިއްރު ހެކިންގެ ތެރޭގައި މާރާމާރީގައި ބައިވެރިވި މީހުންނާއި އުދައްޔުގެ އާއިލާ މީހުން ހިމެނޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަން ބަލައިދިނުމަށް ދެ މީހުންގެ ފަރާތުން ވަނީ އެދިފައެވެ.

އުދައްޔު މަރާލި މައްސަލާގައި 18 އަހަރުން ދަށުގެ ކުޑަކުއްޖެއްގެ މައްޗަށް މައްސަލަ ސާބިތުވެ، އޭނާ 25 އަހަރަށް ބަންދުކުރަން ހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.