ކުރީގެ މަޖިލީހުގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) 8 އަހަރަށް ފަހު އެމްޑީޕީ އާ އަލުން ގުޅިވަޑައިގެންފިއެވެ.

މޫސަ ގުޅިވަޑައިގަތުމުން އެމްޑީޕީން ވަނީ މޫސައަށް ޙުނު މަރުހަބާއެއް ކިޔާފައެވެ.

ރީކޯ މޫސަ އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ އިރު މީގެ ކުރިން ވެސް އޭނާ ވަނީ، އެމްޑީޕީގެ މެންބަރަކަށް ވުމަށް އަބަދުވެސް ތައްޔާރަށް ހުންނަވާ ވިދާޅު ވެފައެވެ.

އެމްޑީޕީން ހިންގާ މި ކޯލިޝަން ސަރުކާރުގައި ހިންގާ ކަންކަމަށް ރީކޯ މޫސަ ފާޑުވިދާޅުވާއިރު، އެންމެ ބޮޑަށް އޭނާ ފާޑުވިދާޅުވަނީ ރައީސް ނަޝީދުގެ މަސައްކަތް ޕުޅަށެވެ. އެ ގޮތުން އެމްޑީޕީގެ ފަރާތުން ވަޒީރުންގެ ކެބިނެޓަށް އައްޔަން ކޮށްފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމަށް ވޯޓު ނަންގަވަން އުޅުއްވުމުން އެކަމަށް ރީކޯ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ނުސީދާކޮށް ނަޝީދު ކުރިމަތި ލައްވައި މި ސަރުކާރުގެ ގިނަ ހިދުމަތްތެރިން ގުރުބާން ކުރައްވަނީ ކަމަށާއި އެމްޑީޕީ ހާލާކު ކުރައްވަން މަސައްކަތް ނުކުރެއްވުމަށް ރީކޯ ވަނީ ގޮވާލައްވާފައެވެ.

ރީކޯ މޫސަ އަކީ ކުރިން އެމްޑީޕީގެ މެންބަރެކެވެ. އަދި އެމްޑިޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. ނަމަވެސް އޭނާ އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވާ އޭނާ މަޑުން ހުންނެވީ، 2013 ވަނަ އިންތިހާބުން ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބު ވެވަޑައިގަތުމުން ޕާޓީ ތެރޭގައި ރައީސް ނަޝީދުގެ ރަސްމީ ހައިސިއްޔަތެއް ނެތުމުން ކަމަށް ކުރިން ރީކޯ ވަނީ ވިދާޅުވެފައެވެ.

އޭގެ ފަހުން ރީކޯ ޕީޕީއެމްގައި ވަނީ މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ފަހުން ޕީޕީއެމުން ވަކިވެވަޑައިގަތެވެ. އެއަށް ފަހު އިތުރު ސިޔާސީ ޕާޓީއަކާ އެކު އޭނާ މަސައްކަތެއް ނުކުރައްވައެވެ.

ރީކޯ މޫސަ އަލުން އެމްޑިީޕީއާ ގުޅިވަޑައިގެންފައި މި ވަނީ އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރިމައިމަރީ ވޯޓު ނަގަން ގާތްވެފައި ވަނިކޮށެވެ. އެމްޑީޕީ އެތެރޭގައި ދެ ފެކްޝަނަށް ބެހިފައި ވާ އިރު، ރީކޯ ހުންނަވާނެ ކަމަށް ބެލެވެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންގައެވެ.