މޯލްޑިވްސް އިސްލާމިކް ބޭންކު(އެމްއައިބީ) ގެ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް މިހާރު ސްޓެލްކޯ ސޭލްސް ސެންޓަރުން މުދާ ގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓުލުމަށް ބޭނުންވާ ހުރިހާ ސާމާނަކާއި ކަރަންޓު ވައިރުކުރުމަށް ބޭނުންވާ އާލާތްތަކުގެ އިތުރުން ކަރަންޓާ ގުޅޭ ތަފާތު ބްރޭންޑުތަކުގެ އުފެއްދުންތައްވެސް ކަސްޓަމަރުންނަށް އެ ސްކީމްގެ ދަށުން ގަނެވޭނެ ކަމަށެވެ.

އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމަކީ ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތްތަކަށް ފުރިހަމަކަން ގެނައުމަށް ބޭނުންވާ ތަކެތި ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް ނެގޭ އެއް ސްކީމަކަށްވާއިރު އެމްއައިބީ ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް އެ ސްކީމުން މުދާ ގަނެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ އެ ސްކީމުގެ ދަށުން ގިނަވެގެން ނެގޭނީ 400،000 ރުފިޔާގެ މުދާ ކަމަށާއި އެފަދަ ސްކީމްތަކުގެ ސަބަބުން ކަސްޓަމަރުންގެ ތެރެއިން އެއްފަހަރާ ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް ނުހަނު ގިނަ ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ. އަދި ފައިނޭންސިން އެހެން ސްކީމްތަކާ ހިލާފަށް އެ ސްކީމުގައި ފައިސާ ދައްކަން ބޭނުންވާ މުއްދަތު 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން ކަސްޓަމަރު ބޭނުންވާ މުއްދަތެއް ހިޔާރުކުރެވޭނެ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

އެ ސްކީމުގެ ދަށުން ލިބޭ ފައިސާގެ ލިމިޓް 6 މަސް ވަންދެން ބޭނުންކުރެވޭއިރު މުއްދަތުގައި ބޭންކަށް ހަމައެކަނި ކޯޓޭޝަން ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބޭނެ ކަމަށް ސްޓެލޯއިން ބުނެއެވެ.