2020 ވަނަ އަހަރު ކުރި މަތިވި ކޮވިޑް ބަލިމަޑުކަމުން ދިފާއުވުމަށް ކުރި މަސައްކަތް ތަކަށް ފަހު ކޭސްތައް މަދުވެފައި އޮތުމަށް ފަހު އަނެއްކާވެސް ކޭސްތައް އިތުރުވަމުން އަންނާތީ ރައްކާތެރި ވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގޮވާލައިފިއެވެ.
އެޗްޕީއޭ އިން ބުނީ، މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ހުމާއި، އަރިދަފުސް ރޯގާ އަދި ކޮވިޑް ފަދަ ބަލިތައް ރިޕޯޓް ކުރާ އަދަދު އިތުރުވަމުން އަންނަ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. އެގޮތުން، މިދިޔަ ސެޕްޓެމްބަރު މަހު 185 ކޮވިޑް ކޭސް ރިޕޯޓް ކޮށްފައިވާ އިރު، އޮކްޓޯބަރު މަހު 328 ކޮވިޑް ކޭސް ވަނީ ރިޕޯޓް ކޮށްފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ އާ ވޭރިއަންޓްތައް ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އިތުރުވަމުން ދާތީ، ކޮވިޑް-19 އިން ތިމާއާއި، އާއިލާ އަދި މުޖުތަމައު ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އަބަދުވެސް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރިދަފުސް ރޯގާ އާއި ކޮވިޑް 19 އިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:
- އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރުން
- އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ އަންގައާއި ނޭފަތް ނިވާ ވާނެހެން ރަނގަޅަށް މާސްކް އެޅުން
- އާއްމު ތަންތަނުގައި އުޅޭ އިރު ގައިދުރުކަން ބެހެއްޓުން
- ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން.
- ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން
- ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާ ވެކްސިން ޖަހުން
- ކޮވިޑް ވެކްސިން ޖަހާ އުމުރުގެ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން އަދި ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާނަމަ ބޫސްޓަރ ޑޯޒް ފުރިހަމަ ކުރުން
- ބަލި ޖެހުމުން ނުރައްކާ ވާ މީހުންނާ ވީހާވެސް ދުރުގައި އުޅުމާއި ގޭގައިވެސް މާސްކް އަޅާއިގެން އުޅުން
- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއިއެކު ވީހާވެސް މަދުމީހުން ދިއުން،
- ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުން
- ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން.
ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ޖަލައި 30 އިން ފެށިގެން އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހާ ހަމައަށް އަދަދުތައް ވަނީ 10 އިން ދަށުގައި ހިފެހެއްޓިފައެވެ. ނަމަވެސް އޮކްޓޯބަރު 9 އަކަށް ފަހު ވޭރުވެ ދިޔަ ތިން ހަފްތާތެރޭ އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުން މި ވަނީ އިތުރުވެފައެވެ. އެގޮތުން އޮކްޓޯބަރު މަހުގެ ފަހު ހަފްތާގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ މީހުންގެ އަދު 16 ގައި އޮތް ނަމަވެސް ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާތެރޭ އެ އަދަދު މި ވަނީ 25 އަށް އަރާފައެވެ.
ކޮވިޑް ޖެހިގެން ރިޕޯޓްކުރާ ކޭސްތަކުގެ ތަފާސް ހިސާބަށް ބަލާއިރު، މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 22 އާ ހަމައަށް ހަފްތާއެއް ތެރޭ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ 70 އަށް ވުރެ ދަށުގައި ހިފަހައްތާފައެވެ. ނަމަވެސް އެއަށް ފަހު ކޭސްތައް މަތި ވަމުން އަންނަ ކަން އެޗްޕީއޭއިން ހިއްސާކޮށްފައިވާ ޗާޓުން ދައްކައެވެ. އެ ގޮތުން އޮކްޓޯބަރު މަހުގެ ފަހު ހަފްތާ ތެރޭ ކޮވިޑް ޖެހިގެން ރިޕޯޓް ކުރި މީހުން 84 އަށް އަރާފައިވާ އިރު، މި މަހުގެ ފުރަތަމަ ހަފްތާގައި ކޮވިޑް ޖެހިގެން 90 މީހުން ވަނީ ރިޕޯޓް ކޮށްފައެވެ.
މިއާ އެކު މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 185،454 އަށް އަރާފައެވެ. އަދި މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 309 އަށް އަރާފައި ވާ އިރު މިދިޔަ ހަފްތާ ތެރޭ ކޮވިޑްބަލީގައި ވަނީ މީހަކު މަރުވެފައެވެ.
ކޮވިޑް ކޭސްތައް އިތުރުވާ ތަން މި ދުވަސްވަރު ފެންނަ އިރު ބައެއް ވައިރަލް ރޯގާ އާއި ހުމާއި، ބޭރަށް ހިންގުމާއި، ޑެންގޫ އަދި ފާނަބަސަންތު ފަދަ ބަލިތައް ގިނައިން ފެތުރެމުން އަންނަ ކަން ވަނީ ފާޙަގަ ކުރެވިފައެވެ.