މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން، މުޖުތަމައުގެ އެކި ދާއިރާތަކަށް އަމާޒުކޮށްގެން މައުލޫމާތު ފޯރުކޮށް ދިނުމާއި އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް ތަކެއް ކުޅުދުއްފުށި ސިޓީގައި ބާއްވައިފިއެވެ.

އެމްޕީއޭލުން ބުނީ ކުޅުދުއްފުށި ސިޓީގައި މި މަހުގެ 6 އަދި 7 ވަނަ ދުވަހު "ޕޯޓް ޓޯކްސް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައި ވަނީ ހަތަރު ސެޝަނަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ދުވަހުގެ ފުރަތަމަ ދެ ސެޝަން ކުރިއަށް ގެންދިޔައީ ސާނަވީ، މަތީ ސަނަވީ އަދި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް އަމާޒުކޮށްގެން ކަމަށް އެމްޕީއެލުން ބުނެއެވެ. އެއީ "ކެރިއާ ގައިޑަންސް" ސެޝަންތަކެކެވެ.

އަދި ހަމަ އެ ދުވަހު ބެލެނެވެރިންނަށް އަމާޒުކޮށްގެން އާއިލީ ކަންތައްތަކާ ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފައި ވެއެވެ. މި ސެޝަން ކުރިއަށް ގެންދިޔައީ ތަޖުރިބާކާރު ސްޕީކާ އާދަމް ނަސީރެވެ.

މި ޕްރޮގްރާމްގެ ތެރެއިން މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ބޭއްވި ތިން ވަނަ ސެޝަންއަކީ "ޝިޕިން، ލޮޖިސްޓިކްސް އެންޑް އިމްޕޯޓްސް" އަމާޒު ކޮށްގެން ވިޔަފާރިވެރިންނާއި ވިޔަފާރި ފެށުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހާއްސަކޮށް ބޭއްވި ސެޝަނެއް ކަމަށް އެމްޕީއެލުން ބުނެއެވެ. މި ސެޝަންގައި އިންޓާނޭޝަނަލް ޓްރޭޑާ ގުޅޭ މުހިންމު މައުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން ރޭ ބޭއްވި ހަތަރު ވަނަ ސެޝަންއަކީ "އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ"ގެ މައުލޫމާތާއި އެކަމަށް އަހުލުވެރިކުރުމުގެ ގޮތުން ބޭއްވި ސެޝަންއެއް ކަމަށާއި އެ ސެޝަންގައި ޖަމިއްޔާތަކާއި ސަރުކާރުގެ އޮފީސްތައް އަދި އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވި ކަމަށް އެމްޕީއެލުން ބުނެއެވެ.

ސިލްސިލާކޮށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ މަގްސަދަކީ އެމްޕީއެލްގެ އިޖުތިމާއީ ޒިންމާގެ ތެރެއިން، ރާއްޖޭގެ އެކި އަތޮޅުތަކުގެ މުޖުތަމައުތަކަށް ބޭނުންތެރި މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށް އެމްޕީއެލުން ބުނެއެވެ. ހަމައެއާއެކު މުޖުތަމައުއަށް މުހިންމު ކަންތައްތަކުގެ ހޭލުންތެރިކަން އިތުރުކުރުމެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ސަރަހައްދުތަކެއް ގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލުން ބުނެއެވެ.