ޖުމްހޫރީ ދުވަހުގެ ޖަލްސާ އަށް ވަޑައިގަންނަވަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު އެބައޮތް ކަމަށާއި، މި ދެ ދުވަހު ބަހުސް މަރުހަލާ ނިންމާލާފިއްޔާ މެންބަރުންނަށް ޖަލްސާ އަށް ވަޑައިގެންނެވޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވި ގޮތުގައި، ތިން ދުވަސް ވަންދެން ބަޖެޓުގެ ބަހުސް ކުރިއަށް ގެންދަން މެންބަރުންގެ ވޯޓަކުން ފާސްކުރަން އެބަ ޖެހެއެވެ.

އެއާއެކު، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ނިޒާމީ ނުކުތާ އެއް ނަންގަވައި ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނެ ކަމަށާއި، އެ ރޭ މަޖިލިހުގެ ހުރިހާ މެންބަރުން ވެސް ޖަލްސާ އަށް ހާޒިރުވުމަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.

"އެރޭ ޖަލްސާ ގެންދިއުމުގަ އުނދަގުލެއް އަތުވެދާނެ ކަމަށް ފެންނާތީ އެކަން ސަމާލުކަމަށް ގެންނަން ވެގެން." ޝިފާއު ވިދާޅުވިއެވެ.

ޝިފާއު އަށް ދެއްވި ޖަވާބުގައި އީވާ ވިދާޅުވީ، ބަހުސް މަރުހަލާ ނިންމަވާލައްވައިފިއްޔާ މެންބަރުންނަށް ބުރާސްފަތި ދުވަހުގެރޭ އޮންނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ވަޑައިގެންނެވޭނެ ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ މެންބަރުންނަށް ފުރުސަތު އަރުވަން ޖެހޭނެ ކަން އީވާ ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އެގޮތުން ބަހާލައިގެން އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ކުރިއަށް ގެންދާނީ. ދެން ޖަލްސާ އަށް ވަޑައިގަންނަވަން ބޭނުންފުޅުވާ އިއްޒަތްތެރި މެންބަރުން ބަހުސް ނުކުރައްވާ ޖަލްސާ އަށް ވަޑައިގަންނަވަންވީ. ނޫނީ އޭގެ ކުރިން މި ދެ ދުވަހު ބަހުސްކުރައްވަންވީ." އީވާ ވިދާޅުވިއެވެ

އިއްޔެގެ ޖަލްސާ ފެއްޓެވުމުގެ ކުރިން އީވާ ވިދާޅުވީ، ތާވަލުކޮށްފައި ވަނީ މި ތިން ދުވަހު ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އީވާ އިއްޔެ ވިދާޅުވީ މި ތިން ދުވަހުގެ ހެނދުނު 9 އިން ފެށިގެން ރޭގަނޑު 10 އަށް ޖަލްސާތައް ކުރިއަށް ގެންދަން ގަސްދުކުރައްވާ ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހު ރޭގަނޑު 10 ޖަހާއިރަށް ބަހުސް ނުނިމެންޏާ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. އެއާއެކު، ވީހާވެސް އަވަހަށް ފުރުސަތަށް އެދިލެއްވުމަށް މެންބަރުންގެ އަރިހުން އީވާ އެދިވަޑައިގަތެވެ.