އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭ ބަހުސްގެ ވަގުތު އިތުރުކުރުމަށް ފާސްކޮށް ބަހުސް މަރުހަލާ މިއަދު ފަށައިފިއެވެ.

މެންބަރުން ފާސްކޮށްފައި ވަނީ މިއަދާއި މާދަމާ ބަޖެޓަށް ބަހުސްކުރުމަށް އެދިވަޑައިގެންފައިވާ މެންބަރުން ބަހުސްކުރައްވައި ނިމެންދެން ފުރުސަތު ދިނުމަށާއި، ހުސްވަގުތުތަކަށް ތަން ދެމުން ރޭގަނޑު 10 އަށް ޖަލްސާގެ ވަގުތު އިތުރުކުރުމަށެވެ. އަދި ބަހުސްގެ ތިންވަނަ ދުވަހު ބަހުސްކުރައްވަން އެދިވަޑައިގެންފައިވާ މެންބަރުން ބަހުސްކުރައްވައި ނިމެންދެން ފުރުސަތު ދިނުމަށާއި، ހުސްވަގުތަށް ތަން ދެމުން ޖަލްސާގެ ވަގުތު އިތުރުކުރުމަށެވެ.

ބަޖެޓުގެ ބަހުސް މަރުހަލާގެ ވަގުތު އިތުރުކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ހާޒިރުވެވަޑައިގެން ތިއްބެވި 42 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގަތް 37 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރަކު ނެތެވެ.

ބަޖެޓުގެ ބަހުސް މަރުހަލާގައި މެންބަރުން ބަހުސްކުރެއްވުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ އެއް ފުރުސަތު ދިނުމަށާއި، ބަޖެޓު ދިރާސާކުރުމަށް ފަހު ކޮމިޓީ ރިޕޯޓު ހުށަހެޅުމުން ރިޕޯޓަށް ބަހުސް ކުރާ މަރުހަލާގައި އިތުރު ހަތް މިނެޓުގެ ވަގުތު ކޮންމެ މެންބަރަކަށް ދިނުމަށް ކަނޑައެޅުމަށް މަޖިލީހުގެ އާންމު ކޮމިޓީން ލަފާދީފައިވާ ކަމަށް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި ބަޖެޓަށް ބަހުސް ކުރައްވާ ވަގުތު މެންބަރުން ފާހަގަކުރައްވާ ނުކުތާތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް މަޖިލިހަށް ހާޒިރުވެވަޑައިގެން 45 މިނެޓު ވަންދެން ޖަވާބު ދެއްވާނެއެވެ

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ 8.46 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. ފިނޭންސް މިނިސްޓްރީން ބުނީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ކޮވިޑުގެ ބަލިމަޑުކަމާއި ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުން އިތުރުވެގެން ދިޔަ ހިރާސްތައް ކުޑަކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އިސްކަންދީފައި ވާނެ ކަމަށެވެ.

މީގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާއެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 29.62 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 2.48 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.