މޫސުމަށް އަންނަ ނޭދެވޭ ބަދަލު ކުޑަކުރަން ކުރިއަރާފައިވާ ގައުމުތަކުން އެހީވާން ނައިބު ރައީސް ފައިސަލް ނަސީމު ގޮވާލައްވައިފިއެވެ.

ކޮޕް 27 ގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ދުނިޔޭގެ މޫސުމަށް ނޭދެވޭ ބަދަލުތައް އައުމުގައި އެންމެބޮޑު ހިއްސާއެއް އޮތީ ކުރިއަރާފައިވާ ގައުމުތަކުގައި ކަމަށާއި އެ ގައުމުތަކުން ފުރިހަމައަށް އެކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

ރާއްޖެފަދަ ގައުމުތަކުގެ ދައުލަތުގެ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހޭދަކުރަންޖެހެނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ ކަންކަމާގުޅޭ ހަރަދުތަކަށް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަމަށް ހަރަދުކުރުމަށް ގައުމުތަކުން އެއްބަސްވެފައިވާ އަހަރަކު 100 ބިލިއަން ޑޮލަރުގެ އަމާޒަށް އަދިވެސް އިތުރަށް މަސައްކަތްކުރަންޖެހޭކަން ކަމަށް ފައިސަލް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ފައްތަރެއްގައިވާ ގައުމުތަކުގެ ދެމި އޮތުމަށް ބޭނުންވާ ފައިސާ އާއި އެ ބޭނުންވާ ވަގުތުގައި ބޭނުންވާ މިންވަރަށް ލިބުމުގައި ކުރިމަތިވާ ދަތިކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ހަރަދުކުރުމަށް އެހީދޭ ގައުމުތަކުން ދޫކުރާ ފައިސާ ހޯދުމުގައި އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަމަށްވެސް ލުއިގޮތްތަކެއް ހަމަޖެއްސުމުގެ މުހިންމު ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާ އިތުރުވެ ހާލަތު އިތުރަށް ގޯސްވަމުންދާކަމީ ފެންނަން އޮތް ހަގީގަތެއްކަން ފާހަގަކުރައްވައި މިފަދަ ކާރިސާއަކަށް ހައްލެއް ގެނެވޭނީ އެންމެން އަނެކާއާ މެދު ވިސްނައި އެބައެއްގެ ޒިންމާ އަދާކޮށްގެން ކަމަށް ފައިސަލް ވިދާޅުވިއެވެ.