މިދިޔަ 2020 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުގެ ކޭސްތައް މަދުވެ މިހާރު ޕޮޒިޓިވްވާ އަދަދު ރިޕޯޓްކުރާ މިންވަރު މަދުވެފައި ވީ ނަމަވެސް މި ވަގުތު އެ ބަލީގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ކޮވިޑް ކޭސްތައް މަދުވާން ފެށި ހިސާބުން ހަފްތާއަކު އެއް ފަހަރު ކޮވިޑްގެ ކޭސްތާކާ ބެހޭ އަޕްޑޭތް އާންމުކޮށް ހިއްސާކުރަމުންނެވެ. އެ ގޮތުން މި މިދިޔަ މަހުގެ 30 އިން ފެށިގެން މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް ކޮވިޑް ކޭސްތަކާ ގުޅެ ގޮތުން އެޗްޕީއޭއިން އާނމްު ކުރި ތަފާސްހިސާބަށް ބަލާއިރު ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދމެުން އަންނަ މީހުން ވަނީ އިތުރުވެފައެވެ. އޭ ގެ ކުރީ ހަފްތާގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ މީހުންގެ އަދު 16 ގައި އޮތް ނަމަވެސް ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާތެރޭ އެ އަދަދު މި ވަނީ 25 އަށް އަރާފައެވެ.
ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ޖަލައި 30 އިން ފެށިގެން އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހާ ހަމައަށް އަދަދުތައް ވަނީ 10 އިން ދަށުގައި ހިފެހެއްޓިފައެވެ. ނަމަވެސް އޮކްޓޯބަރު 9 އަކަށް ފަހު ވޭރުވެ ދިޔަ ތިން ހަފްތާތެރޭ އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުން މި ވަނީ އިތުރުވެފައެވެ.
ކޮވިޑް ޖެހިގެން ރިޕޯޓްކުރާ ކޭސްތަކުގެ ތަފާސް ހިސާބަށް ބަލާއިރު، މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 22 އާ ހަމައަށް ހަފްތާއެއް ތެރޭ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ 70 އަށް ވުރެ ދަށުގައި ހިފަހައްތާފައެވެ. ނަމަވެސް އެއަށް ފަހު ކޭސްތައް މަތި ވަމުން އަންނަ ކަން އެޗްޕީއޭއިން ހިއްސާކޮށްފައިވާ ޗާޓުން ދައްކައެވެ. އެ ގޮތުން އޮކްޓޯބަރު މަހުގެ ފަހު ހަފްތާ ތެރޭ ކޮވިޑް ޖެހިގެން ރިޕޯޓް ކުރި މީހުން 84 އަށް އަރާފައިވާ އިރު، މި މަހުގެ ފުރަތަމަ ހަފްތާގައި ކޮވިޑް ޖެހިގެން 90 މީހުން ވަނީ ރިޕޯޓް ކޮށްފައެވެ.
މިއާ އެކު މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 185،454 އަށް އަރާފައެވެ. އަދި މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 309 އަށް އަރާފައެވެ.
ކޮވިޑް ކޭސްތައް އިތުރުވާ ތަން މި ދުވަސްވަރު ފެންނަ އިރު ބައެއް ވައިރަލް ރޯގާ އާއި ހުމާއި، ބޭރަށް ހިންގުމާއި، ޑެންގޫ އަދި ފާނަބަސަންތު ފަދަ ބަލިތައް ގިނައިން ފެތުރެމުން އަންނަ ކަން ވަނީ ފާޙަގަ ކުރެވިފައެވެ.