އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭ ބަހުސް ފެށުމަށް މާދަމާ އަށް ތާވަލުކޮށްފިއެވެ.

މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ތާވަލުކޮށްފައި ވަނީ ކުރިއަށް އޮތް ތިން ދުވަހު ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އީވާ ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހު ހެނދުނު 9 އިން ފެށިގެން ރޭގަނޑު 10 އަށް ޖަލްސާތައް ކުރިއަށް ގެންދަން ގަސްދުކުރައްވާ ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހު ރޭގަނޑު 10 ޖަހާއިރަށް ބަހުސް ނުނިމެންޏާ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. އެއާއެކު، ވީހާވެސް އަވަހަށް ފުރުސަތަށް އެދިލެއްވުމަށް މެންބަރުންގެ އަރިހުން އީވާ އެދިވަޑައިގަތެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އިއްޒަތްތެރި މެންބަރުން ބުރާސްފަތި ދުވަހުގެ މެންދުރު 12 ގެ ކުރިން ފުރުސަތަށް އެދިވަޑައިގަންނަވަން. އޭރަށް އަޅުގަނޑުމެންނަށް ކޮންމެސް ވަރަކަށް ޝެޑިއުލްކުރަން އެނގޭނީ ކުރިއަށް ގެންދާނެ ގަޑިތަކެއް."

ކޮންމެ މެންބަރަކަށް ބަހުސްކުރަން ދެވޭނީ 15 މިނެޓުގެ ވަގުތުކޮޅެއް ކަމަށާއި، އަދި މެންބަރުން ހާޒިރުވެ ތިއްބެވިއްޔާ ބަހުސް ކުރިއަށް ގެންދަވާނެ ކަމަށް އީވާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މެންބަރުން ވަޑައިގެން ތަޅުމުގައި ނެތިއްޔާ ރޭގަނޑު 10 ނުޖެހިޔަސް ޖަލްސާ ކުރުކޮށްލައްވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ 8.46 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. ފިނޭންސް މިނިސްޓްރީން ބުނީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ކޮވިޑުގެ ބަލިމަޑުކަމާއި ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުން އިތުރުވެގެން ދިޔަ ހިރާސްތައް ކުޑަކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އިސްކަންދީފައި ވާނެ ކަމަށެވެ.

މީގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާއެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 29.62 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 2.48 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.