އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކުރި މައްސަލާގައި އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ވެލާނާ ބިލްޑިން ކައިރީ އިހުތިޖާޖު ކުރަމުން އެބަދެއެވެ.

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ރޭ އެ ސްކޫލް ހިންގާ އިމާރާތުގެ ކުރި މަތީގައި ވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ.

މިއަދު ބެލެނިވެރިން ވެލާނާގެ ކައިރިއަށް ދިޔައީ އެޑިއުކޭޝަން މިނިސްޓްރީ ހުންނަނީ އެ އިމާރާތުގައި ކަމަށް ވެފައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާ ބައްދަލު ކުރުމަށެވެ.

ބެލެނިވެރިން ތިބީ ކަރުދާސް ބޯޑުތަކުގައި އެ މީހުންގެ ޝުއޫރުތައް ފާޅު ކުރުމަށް އެކި ލިޔުންތައް ލިޔެގެންނެވެ.

އެސަރަހައްދުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.

ބެލެނިވެރިން ފާޅުކުރަމުންދާ ކަނބޮޑުވުންތަކުގެ ތެރޭގައި ސަރުކާރުން އަރަބިއްޔާ ސްކޫލް އިމާރާތް ބަދަލުކޮށް އެ މަސައްކަތް ލަސްވަމުން ދިއުމާއި، އަންނަ އަހަރުގެ ބަޖެޓުގައި އެ ސްކޫލްގެ މަސައްކަތަށް ބަޖެޓެއް ކަނޑައަޅާފައި ނުވުމާއި، އެ ސްކޫލުގެ ޕްރިންސިޕަލް ވަކިކުރުމުގެ ކަންބޮޑުވުން ހިމެނެއެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ވަކިކޮށް އެންއައިއީ އަށް ބަދަލު ކުރި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ވާ ގޮތަށް ކަންކަން ރާވައި އިންތިޒާމު ކުރުމަށް އިދާރީ ގޮތުން ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން މިއަދުން ފެށިގެން އަރަބިއްޔާ ސްކޫލުގެ ހިންގަވާނީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޝުޖާއު މަގާމުން ވަކިކޮށްފައި ވަނީ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ކުރިއަށް ގެންދާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ނުހުއްޓުވައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުން ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް މިކަމާ ގުޅިގެން އެޑިއުކޭޝަންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

1000 އެއްހާ ދަރިވަރުން ކިޔަވަމުން ދިޔަ އަރަބިއްޔާގެ އަމީނިއްޔާ ކުރިމަތީގައި ހުރި އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކުދިން ބަދަލު ކުރަން އެޑިއުކޭޝަން އިން ފުރަތަމަ ހަމަޖެއްސީ އިއްޒުއްދީން ސްކޫލަށެވެ. އެހެންނަމަވެސް ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއެކު އަރަބިއްޔާ ސްކޫލަށް ބާ ޖަމާލުއްދީންގެ ބިން ހަމަޖައްސައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިއެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކްލާސްތައް ވަނީ މިދިޔަ އަހަރުގެ ދިރާސީ އަހަރުތެރޭ ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ. އަދި ބާ ޖަމާލުއްދީން ހުރި އިމާރާތް މިހާރު ތަޅާލައި އެތަނުގައި އަރަބިއްޔާ ސްކޫލްގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ތައްޔާރު ވަމުން އަންނަ އިރު މި މަސައްކަތް ކުރިއަށް ގެނދިއުމުގައި ލަސްތަކެއް އުޅޭ ކަން ފާހަގަކޮށް އެ ސްކޫލްގެ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.