ދޫނިދޫ ޖަލަށް ފޯނުތަކަކާއި ސިމްތަކެއް ވައްދަން އުޅުނު ފުލުހަކު ޖަލަށް ލައިފިއެވެ.

2020 ވަނަ އަހަރު ތެރޭގައި ދޫނިދޫ ޖަލަށް ފޯނުތަކަކާއި ސިމްތަކެއް ވައްދަން އުޅުނު އަނަސް އަލީގެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ މައްސަލަ ފެންމަތިވުމުން 2020 ވަނަ އަހަރު އޭނާ ވަނީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.

ޖަލަށް ވެއްދުން މަނާއެއްޗެހިތަކެއް ޖަލަށް ވައްދަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުންގެ ކަސްޓޯޑިއަލް އޮފީހަށް އަނަސް ގެންގޮސް ބަލައި ފާސްކުރިއިރު އަނަސް ލައިގެން ހުރި ޔުނިފޯމުގެ ވާތް ފަރާތުގެ ޖީބުން ނޮކިއާބައްތި ފޯނަށް ލައްވާ ބެޓަރިއެއް ފެނުނު ކަމަށާއި އޭނާ ދޫނިދޫގައި ދިރިއުޅޭ ތަނަށް ގޮސް އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުން ލޮކަރު ހުޅުވައި ބަލާފާސްކުރިއިރު ނޮކިއާ ފޯނަކާއި ތިން ސިމާއި ޖަލަށް ވައްދަން ޖެހޭ އެއްޗެހިތަކެއް ލިޔެފައި ހުރި 18 ނޯޓު ކަރުދާސްކޮޅު ފެނުނު ކަމަށް ހުކުމުގައި ވެއެވެ. އަދި އޭނާ ނިދާ އެނދުގެ ބާލީސް ދަށުން ވެސް އިތުރު ފޯނެއް ފެނުނު ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އެ މައްސަލާގައި އަނަސްގެ މައްޗަށް ވަނީ މަނާކުރެވިފައިވާ އެއްޗެހި މީހުން ބަންދުކުރާ މަރުކަޒަކަށް ގެންދަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި އަނަސްގެ މައްޗަށް އިއްވީ ހަމަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ މައްސަލައިގެ ތަހްގީގުގައި 11 ދުވަހު އޭނާ ފުލުހުންގެ ބަންދުގައި ހުރުމުން އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ ފަސް މަސްދުވަހާއި 19 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ހުކުމުގައިވެއެވެ.