ގިނަވެގެން އާއިލާ އަކަށް ދޮޅުލައްކަ ރުފިޔާ ހަރަދުކުރެވޭ ގޮތަށް، ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެ އުސޫލު އާންމުކޮށްފިއެވެ.

ޒަކާތު ނަފާ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިދިޔަ ފެބްރުއަރީ 28 ގައި، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ފެށި ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމް ހިންގަނީ ކަނޑައެޅޭ ވަކި މިންގަޑުތަކަކާއި އުސޫލުތަކުގެ ދަށުން ވަކި އަދަދެއްގެ ބަޔަކަށް ފުދުންތެރިކަން އިތުރުކޮށް، ބޭނުންވާ ތަކެތި ހޯދައިދީ، ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށެވެ.

އުސޫލުގައިވާ ގޮތުން ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމަށް ސްޓިއަރިން ކޮމިޓީ އެއް އެކުލަވާލަން ޖެހެއެވެ. އެ ކޮމިޓީ އެކުލެވިފައި ވަނީ ނުވަ މެންބަރުންގެ މައްޗަށެވެ. އެއީ:

  • އިސްލާމިކް މިނިސްޓްރީގެ ފަރާތުން ތިން މެންބަރުން
  • އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ތިން މެންބަރުން
  • ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން މެންބަރެއް
  • ބީސީސީގެ ފަރާތުން މެންބަރެއް
  • އެސްޑީއެފްސީގެ ފަރާތުން މެންބަރެއް
  • އެގްރޯ ކުންފުނީގެ ފަރާތުން މެންބަރެއް

މިއަދު އާންމުކުރި އެ އުސޫލުގައި ބުނެފައިވާ ގޮތުން، ޒަކާތު ނަފާ ޕްރޮގްރާމްގެ ތެރެއިން ޒަކާތު ފަންޑުން ހަރަދުކުރެވޭނީ އާއިލާއަކަށް ގިނަވެގެން 150،000ރ އެވެ. އޭގެ އިތުރުން އެސްއެމްއީ ފަންޑު މެދުވެރިކޮށް އަނބުރާ ދައްކާ ގޮތަށް، އިންޓްރަސްޓް ނުހިމެނޭ ލޯނެއްގެ ގޮތުގައި ވަކި މިންވަރެއް އެހީގެ ގޮތުގައި ހަމަޖެއްސިދާނެ ކަމަށް ވެސް އުސޫލުގައިވެއެވެ.

އެ ޕްރޮގްރާމްގެ ދަށުން އެހީދެވޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ގެދޮރުގެ ނަފާ އާއި، ޕޯލްޓްރީ ފާމިން އާއި، ހައިޑްރޯފޯނިކް ދަނޑުވެރިކަމާއި، ފަރުމަސްވެރިކަމާއި، ފެހުމާއި، އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކެވެ.