މިއަދު ކުރިއަށް ދިޔަ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު ފުލުހުން ފޮނުވައިގެން ހުއްޓުވަން ނުޖެހި އެ އިންތިހާބު ނިންމާލުމަކީ މިހާރު ސިޔާސީ މިނިވަންކަން އޮތް ކަމުގެ ހެއްކެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިޔަ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަށް މަރުހަބާ ވިދާޅުވަމުން ފައްޔާޒް ވަނީ މީގެ ފަސް އަހަރު ކުރިން ކަން ހިނގާފައި އޮތް ގޮތާއި މިއަދުގެ ހާލަތާ އަޅާ ކިޔުއްވާފައެވެ. އެގޮތުން މީގެ ފަސް އަހަރު ކުރި ކުރިއަށް ގެންދިޔަ މިފަދަ ސީޔާސީ ހަރަކާތްތަކުގައި ވޯޓުފޮށި ބަލާ އަންނަނީ ފުލުހުން ކަމަަށް ފައްޔާޒް ވިދާޅުވިއެވެ.

އަދި ސިޔާސީ މިފަދަ ހަރަކާތްތަކަށް މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުލުހުން ފޮނުވައިގެން ނުހުއްޓުވާ ކަމީ މިހާރު އޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މީގެ 5 އަހަރު ކުރިން މަންޒަރު ކިތަންމެހާ ވެސް ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގައި 87 ދާއިރާއެއްގެ ވޯޓުލުން ކުރިއަށް ގެން ގެންދިޔައެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް މި އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ދިޔައިރު، ރަށްރަށުގައި ވޯޓުލުން ކުރިއަށް ގެންދިޔައީ އެ ރަށެއްގެ ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީން ކަނޑައަޅާފައިވާ ތަނެއްގައެވެ. މާލޭގައި އިންތިހާބުގެ ވޯޓުލުން ހެންވޭރު ދަނޑުގައި އޮތް އިރު، ވިލިމާލޭގެ ވޯޓުފޮށި ބަހައްޓާފައި ހުރީ ވިލިމާލޭ ޔޫތު ސެންޓަރުގައެވެ. އަދި ހުޅުމާލޭގައި ވޯޓުފޮށި ބަހައްޓާފައި ހުރީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލްގައެވެ.