ދިވެހި ދައުލަތުން މުސާރަ ނަންގަވައިގެން ކޮޕް27 ގައި ލަންކާ ތަމްސީލު ކުރަން ރައްޔިތުންގެ މިޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން ފާޑުކިޔުން އަމާޒުވެއްޖެެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބުނީ، ކޮޕް27 ގައި ސްރީލަންކާގެ ވަފުދާއެކު ވަޑައިގަތަސް އެ ދަތުރުފުޅުގެ ހަރަދު ކުރަނީ ރާއްޖެއިން ނޫން ކަމަށެވެ.

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނީ، މައްސަލަ އަކީ ދަތުރުފުޅުގެ ހަރަދު ނޫން ކަމަށާއި ނަޝީދު ހުންނެވި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ކަމަށް ވުމުން، މަހު މުސާރަ ދެނީ ދިވެހި ދައުލަތުން ކަމަށެވެ. އެހެން ކަމުން، ދައުލަތުން މުސާރަ ނަންގަވައިގެން އެހެން ގައުމެއްގެ ކަންކަމުގައި، އެ ގައުމު ތަމްސީލު ކުރައްވަން އުޅުއްވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

އެކަމަށް ފާޑު ވިދާޅުވަމުން، އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެފައި ވަނީ، ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން އެހެން ގައުމެއް ތަމްސީލު ކުރައްވަން އެމަނިކުފާނު ވަޑައިގަތުމަކީ އަމިއްލަ ގައުމަށް ވަފާތެރިވުން ތޯ ސުވާލު ކުރަން ޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ރާއްޖޭގެ މަޖިލީހުގެ ރައީސް އެ ކުރެއްވި ކަމަކީ ގާނޫނު އަސާސީއާ ފުށޫ އަރާކަމެއް ނޫންތޯއާއި އެކަމުގައި އެޓާނީ ޖެނެރަލް އެއްޗެއް ވިދާޅުނުވެ ހުންނަވަނީ ކީއްވެތޯއެވެ.

ނަޝީދުގެ ދަތުރުފުޅާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މަޖިލީހުގެ އިދާރާއިން ބުނީ، ލަންކާ ވަފުދުގެ މެންބަރެއްގެ ގޮތުގައި ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުގެ ހުރިހާ ހަރަދެެއް ކުރުުމަށް ހަމަޖެހިފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ, ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން ކަމަށެވެ. އެ ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހޭދައެއް ނުކުރާ ކަމަށެވެ.

ކޮޕް ސަމިޓްގައި ރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ހަމަޖައްސާވަފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މީގެ ކުރިން ކޮޕް ސަމިޓްގައި ރާއްޖެ ތަމްސީލް ކުރެއްވި ރައީސް ނަޝީދު އެ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރެއްގެ ގޮތުގައެވެ. ނަޝީދުގެ މި ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ބުދަ ދުވަހުއެވެ.

ރައީސް ނަޝީދު މިސްރަށް ކުރައްވާ މި ދަތުރުފުޅުގައި ސީވީއެފް އާއި ވަލްނަރަބަލް ޓްވެންޓީ (ވީ20) އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. މިވަގުތު ސީވީއެފްގެ ވީ20 ގްރޫޕުގެ ރިޔާސަތު ގާނާއިން ބަލަހައްޓާ އިރު ރާއްޖެއަކީ ވެސް ސީވީއެފްގެ މެންބަރު ގައުމެކެވެ.