ކާރުބާރޫ ބޮޑު، އަދި އެތައް މިލިއަން ފަގީރުންނެއް އުޅެ އިންޑިއާގެ އެންމެ ބިޒީ އެއް އެއާޕޯޓް ކަމުގައިވާ ކޮޗިން އެއާޕޯޓް ސޯލާ އެނާޖީއަށް ބަދަލުކޮށްލައިފިއެވެ.
ގިނަ ދިވެހިންވެސް ބެސް ފަރުވާއާއި އެނޫން ބޭނުންތަކުގައި ދާ ކޮޗިންގެ އެއާޕޯޓް ސޯލާއަށް ބަދަލު ކޮށްފައި ވާ އިރު އެ އެއާޕޯޓަކީ އދ އިން ދޭ އާތް އެވޯޑް 2018 ވަނަ އަހަރު ހޯދާފައިވާ އެއާޕޯޓެއް ވެސް މެއެވެ.
ކޮޗިން އެއާޕޮޓް ހިންގާ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (ސިއަލް) އިން މިހާރު ޖުމްލަ 25 ކްރޯޑް ޔުނިޓުގެ ހަކަތަ އުފައްދައެވެ. އެއާއެކު އެއާޕޯޓަށް ވުރެ ބޭރަށް ހަކަތައިގެ މަޝްރޫއު ފުޅާކޮށްފައި ވާ އިރު މިއީ ރާއްޖެ ހިމެނޭ މިސަރަހައްދުގެ ގައުމެއްގެ ބިޒީ އެއާޕޯޓެއް އެއްކޮށް ސޯލާއަށް ބަދަލު ކުރި ފުރަތަމަ އެއާޕޯޓެވެ.
އެއާޕޯޓުތައް ފަދަ ބޮޑެތި ސިނާއީ ތަންތަން ހިންގުމަށް ވަރަށް ގިނަ ހަކަތަ ބޭނުން ވާ އިރު އިރުގެ ހަކަތަ ބޭނުންކޮށްގެން ކޮޗިން އެއާޕޯޓުން ދަނީ ދުޅަހެޔޮ ފެހި ވެށްޓަކަށް މަގުފަހި ކުރަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުން އެމެރިކާގައި ދަތުރުފަތުރުގެ ނިޒާމުން ބޭރުކުރެވޭ ވިހަ ގޭހުގެ 11 ޕަސެންޓަކީ ވައިގެ ދަތުރުފަތުރުން ޖައްވަށް ބޭރުކުރާ ވިހަ ގޭހެވެ. ނަމަވެސް އިންޑިއާގައި މި އަދަދު މިއަށްވުރެ ދަށްވާނެ ކަމަށް ބެލެވެއެވެ.
ކޮޗިން އެއާޕޯޓުގެ އަމާޒަކީ މުޅި އެއާޕޯޓާއި އަދި ތަނުގައި ބޭނުންކުރާ އިތުރު ވަސީލަތްތަކަށް ވެސް އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު ދިނުމެވެ. އަދި އެމީހުން ފަދަ މެދުފަންތީގެ އެއާޕޯޓެއްގައި ވެސް އަމިއްލަ އަށް ބޭނުންކުރެވޭ އަދި ފުދޭ ވަރަށް ސޯލާ ހަކަތަ އުފެއްދޭނެ ކަމުގެ މިސާލު ދައްކައި އެ މެސެޖު މުޅި ދުނިޔެއަށް ދިނުމެވެ.
ކޮޗިން އެއާޕޯޓުގެ މެނޭޖިންގ ޑިރެކްޓަރ އެސް ސުހާސް ހާމަކޮށްފައިވާ ގޮތުގައި އެމީހުން ސޯލާ ހަކަތަ ބޭނުންކުރަން ނިންމީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށް ފަހުގައެވެ. މިގޮތުން އިންޑިއާއަކީ ވަރަށް ހޫނުގަދަ ގައުމަކަށް ވެފައި ދާއިމީގޮތެއްގައި މިކަން ކުރެވޭނެތީއާއި، އަދި ކަރަންޓަށް ކުރަންޖެހޭ ހަރަދަށް ބެލިޔަސް މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ބެލެވޭތީ ކަމުގައެވެ.
މިމަޝްރޫއަކީ އެންމެ ފުރަތަމަ 2013 ވަނަ އަހަރު ގޮތް ބަލާލުމުގެ ގޮތުން 100 ކިލޯވޮޓްގެ ސޯލާ ހަކަތަ ބޭނުން ކޮށްގެން ފެއްޓި މަޝްރޫއެކެވެ. އެންމެ ފުރަތަމަ ސޯލާ ޕެނަލްތައް ހަރުކުރީ ހުރިހާ ޓާމިނަލެއްގެ މަތީގައެވެ. އޭގެ ފަހުގައި މަޝްރޫއު ފުޅާކުރުމުގެ މަގްސަދުގައި ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުގެ ދަށުން މިކަން ކުރުމަށް ވަކި ހާއްސަ ކުންފުންޏެއް އުފައްދައި އިތުރަށް މަސައްކަތް ފުޅާކޮށް މުޅި އެއާޕޯޓުގައި ބޭނުންކުރެވޭ ހަމަ އެކަނި ހަކަތަ އަކީ ސޯލާ ހަކަތަ އަށް ބަދަލުކުރިއެވެ. ދުނިޔޭގެ ބާޒާރުގައި ސޯލާ ޕެނަލްގެ އަގު ދަށް ވުމާއި އަދި އެޅުވުމަށް ދާ ހަރަދު ވެސް ކުޑަވުމަކީ ވެސް މި މަޝްރޫއު ހިންގުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.
2014 ވަނަ އަހަރުގެ ތެރޭގައި މުޅި އެއާޕޯޓުގެ ހަކަތައިގެ ގޮތުގައި 48000 ޔުނިޓު ބޭނުން ކުރި އިރު އެއާޕޯޓު އެއްކޮށް ކާބަން ނިއުޓްރަލް ކުރުމަށް އިތުރު 12 މެގަވޮޓްގެ ހަކަތަ ބޭނުން ވިއެވެ. 2015 ވަނަ އަހަރު ކޮޗިންގެ އެއާޕޯޓު ވެގެން ގޮސްފައި ވަނީ ސޯލާ ހަކަތަ އެކަނި ބޭނުން ކޮށްގެން ހިންގާ ފުރަތަމަ އެއާޕޯޓަށެވެ.
2019 ވަނަ އަހަރު ކޮޗިން އެއާޕޯޓުގައި 2 ލައްކަ ޔުނިޓުގެ ކަރަންޓު ދުވާލަކު އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އިރު އެއާޕޯޓުގައި ދުވާލަކަށް ބޭނުން ކުރެވެނީ 1.6 ލައްކަ ޔުނިޓެވެ. 100 ކިލޯ ވޮޓުން ގޮތް ބަލާލުމަށް ފުރަތަމަ ފެށި މި ޕްރެޖެކްޓުން ކޮޗިން އެއާޕޯޓުގައި މިހާރު 50 މެގަވޮޓްގެ ހަކަތަ އުފެއްދުމުގެ ގާބިލުކަން އެބަހުއްޓެވެ. އަދި ކެރަލާ ސްޓޭޓުގެ ދެވަނަ އަށް އެންމެ ގިނަ ހަކަތަ އުފައްދާ ތަނަކަށްކީ ވެސް މިޙާރު އެތަނެވެ.
އަހަރެއްގެ މައްޗަށް 10 މިލިއަން ފަސިްނޖަރުންނަށް ހިދުމަތް ދޭ ކޮޗިން އެއާޕޯޓަކީ، ރާއްޖެ ގޮތަށް ކުދި ފްލައިޓްތަކާއި މެދު ސައިޒުގެ ފްލައިޓް ތަކަށް ހިދުމަތް ދޭ އެއާޕޯޓެެވެ.