ގަރާޖުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވި އެމްޕީއެލް މުވައްޒަފު އާދަމް ޝަޒީލްއަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.
ޝަޒީލް އަލިފާން ނިއްވުމުގައި އުޅޭ ތަން ފެންނަ ވީޑިއޯ ހިއްސާކޮށް އެމްޕީއެލްއިން މިއަދު ކުރި ބުނީ އެމްޕީއެލް ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ އާދަމް ޝަޒީލްގެ މަސައްކަތުން އެ އަލިފާންގަނޑު އިތުރަށް ބޮޑު ނުވަނީސް ނިއްވާލި ކަމަށެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އަލިފާންގަނޑު ރޯވެ ސައިކަލުތަކެއްގައި ހުޅު ހިފައިގެން އުޅުނު އިރު ފުލުހުންނާއި ސިފައިން ތަންކޮޅެއް ދުރުގައި ތިބިއިރު ޖެހިލުމެއް ނެތި ޝަޒީލް އަލިފާން ނިއްވަން ބޭނުންކުރާ ފަޔާ އެސްޓިންގުއިޝާއެއް ހިފައިގެން ގޮސް ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވަން މަސައްކަތް ކުރާތަން ފެނެއެވެ.
އެމްޕީއެލްއިން ބުނީ އެ ފަދަ ހާދިސާތަކުގައި އަމަލު ކުރާނެ ގޮތުގެ ތަމްރީނުތައް އެމްޕީއެލްގެ މުވައްޒަފުންނަށް އަބަދުވެސް ބާއްވަމުން އަންނަ ކަމަށެވެ.