ރާއްޖޭގެ ކުދި ރަށްރަށަށް ބަގީ އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ށިފާއު ވަނީ ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް ދެން އެންމެ އަވަހަށް ކުރާނީ ކޮން އިރަކުންތޯ ސުވާލުކުރައްވާފައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަގުތަކުގެ ޖާގައިގެ ދަތިކަމުން ކުދި ރަށްރަށަށް ބޮޑެތި އެމްބިއުލާންސް ފޮނުވައިގެން އޭގެ ބޭނުމެއް ނުކުރެވޭކަމަށެވެ. އެހެންކަމުން ޗައިނާއާ ވާހަކަދައްކައިގެން ކުދި ރަށްރަށަށް ބަގީ އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސިއްހީ ހިދުމަތްދޭ ހުރިހާ ރަށަކަށްވެސް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ނުވަތަ އެމްބިއުލާންސް ހަލާކުވެގެން ސިއްހީ މަރުކަޒުތަކަށް ބަލިމީހުން ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީއަށްވެސް ބައެއް މީހުން ފާޑުކިޔާފައިވެސް ވެއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މިސަރުކާރުގެ ސިއްހީ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.