ނުކުޅެދުންތެރިކަން ހުންނަ މީޙުންނަށް އެހީ ދމުންދާ ދައުލަތުގެ މުއައްސަސާ އެންސްޕާއަށް އަންނަ އަހަރަށް ދިން ބަޖެޓް ކުޑަ ލޕށްފައި އޮތުމުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ފިރުޝާން މިހެން ވިދާޅުވީ، 2023 ވަނަ އަހަރަށް ލަފާ ކުރި ބަޖެޓުގައި އެންސްޕާއަށް ކަނޑައެޅި ބަޖެޓަކީ ކުރީ އަހަރާ ބަލާއިރު 16 ޕަސެންޓް ދަށް އަދަދެއް ކަމަށް ނިންމާފައި އޮތުމާއި އެކު، ޓެކްސް ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުގެ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވާފައި ވުމުންނެވެ.

ފިރުޝާން ވިދާޅުވީ، އެންސްޕާއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ތަނެއް ކަމަށް ވެފައި އެންސްޕާގެ ހަރަދު ކުޑަކުރުމަށް ނިންމާ ބަޖެޓު މަދު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން ބޮޑު ކުރާ ޖީއެސްޓީން ކިތައް ޕަސެންޓް އެންސްޕާގެ ބަޖެޓަށް އިތުރުވޭތޯ އައްސަވާ އޭނާ ސުވާލު ކުރެއްވިއެވެ.

ޓެކްސް ބޮޑުކުރުމަަަށް ހުށަހެޅި ބިލުގައި ޓެކްސް ބޮޑު ކުރަން ނިންމީ ސަރުކާރުގެ ރިކަރަންޓް ހަރަދު ފަރު ޖައްސަން ކަމަށް ބުނެފައި ވާ އިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އަޅުވާ މިކަހަލަ ވާހަކަ ދަައްކަން ހެޔޮ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހެޔޮ ނިޔަތް ސާފު މައުލޫމާތު ދިނުން މާ ރަނގަޅުވާނެ ކަމަށާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީ ބޮޑުކުރާން އޭނާ ތާއީދު ނުރައްވާނެ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

ބަޖެޓުކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިން އެހީ:

  • 2021 ވަނަ އަހަރު 223.2 މިލިއަން ރުފިޔާ ދީފައިވޭ
  • 2022 ވަނަ އަހަރު 245.3 މިލިއަން ރުފިޔާ ދީފައިވޭ
  • 2023 ވަނައަހަރު ބަޖެޓަށް ކަނޑައަޅާފައި ވަނީ 341.3 މިލިއަން ރުފިޔާ

އެންސްޕާއަށް މި އަހަރު ބަޖެޓް ކޮށްފައިވާ އަދަދީ 2.9 ބިލިއަން ރުފިޔާއެއްވެ. ނަމަވެސް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އެ އަދަދު ވަނީ 16 ޕަސެންޓް މަދުކޮށް އެންސްޕާއަށް 1.9 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައެވެ. ބަޖެޓުގައި އެންސްޕާއަށް މި އަހަރަށް ވުރެ ދަށް އަދަދެއް ދިނުމަށް ބަޖެޓުގައި ކަނޑައަޅާފައިވީ ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެހީގެ ފައިސާއިން އުނިކޮށްފައި ނުވާ ކަމަށް ބަޖެޓުން ދައްކައެވެ. އެ ގޮތުން މި އަހަރަށް ދިން ބަޖެޓަށް ބަލާއިރު ނުކުޅެދުންތެރިކަން ހުރި މީހުންނަށް ދޭ އެހީއަށް ވަނީ ގާތްގަނޑަކަށް 100 މިލިއަން އިތުރު ކޮށްފައެވެ.

ޓެކްސް ބޮޑު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ނުކުރައްވާނެ ކަމަށް ފިރުޝާން ވިދާލުވެފައިވާ އިރު، ސަރުކާރުން ހުށަހަޅާފައި ވަނީ އަންނަ އަހަރުން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް، އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށެވެ. ކޮމިޓީގައި އެ ބިލަށް އިސލްާހުތަކެއް ހުށަހެޅި ނަމަވެސް އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވިއެވެ. އެހެންކަމުން އެ ބިލު އޮތް ގޮތަށް ބަދަލެއް ނުގެނެސް ވަނީ ވޯޓަށް އަހާފައެވެ.

އެ ވޯޓުގައި 50 މެންބަރުންގެ ވޯޓާ އެކު އެ ބިލު ފާސްވެފައި ވާއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 19 މެންބަރުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެކަންޏެވެ. ޓެކްސް ބޮޑުކުރުމުގެ ބިލާ ދެކޮޅަށް ވޯޓު ދެއްވި 19 މެންބަރުންގެ ތެރޭގައި އެމްޑީޕީގެ 12 މެންބަރެއް ހިމެނެއެވެ. އެހެންކަމުން އެ ޕާޓީގެ ޕީޖީ ގްރޫޕުން ވަނީ ބިލް ފާސްކުރުމަށް ތްރީ ލައިން ވިޕެއް ވެސް ނެރެފައެވެ.