ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޓީމަކާ އެކު، ރާއްޖޭގައި ބޮޑެތި ބަލިތައް އިތުރުވަމުންދާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރަމުންދާ ކަމަށް، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހާޓް އެޓޭކާއި ކެންސަރު ފަދަ ބޮޑެތި ބަލިތައް އިތުރުވަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވައި، ބޮޑެތި ބަލިތައް މަދުކުރުމަށް އަޅާ ފިޔަވަޅުތަކާ މެދު ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ، ޑަބްލިއުއެޗްއޯގެ އެހީތެރިކަމާ އެކު ދިރާސާތައް ކުރަމުން ގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ޑަބްލިއުއެޗްއޯގެ ޓީމެއް އައިސް، ރާއްޖޭގައި ބޮޑެތި ބަލިތައް އިތުރުވާ ސަބަބު ދެނެގަތުމަށްޓަކައި ބަލިތައް ޖެހޭ ގޮތް ބަލަމުން އެބަ ގެންދެއެވެ.

"މީ ހަމަ ބޮޑު ސީރިއަސް އިޝޫ އެއް. ކީއްވެގެންތޯ މި ކަންތައްތައް މިހެން މި ވަނީ (ބޮޑެތި ބަލިތައް ރާއްޖޭގައި އިތުރުވަނީ). އެހެންވީމަ އަޅުގަނޑު ވެސް ބޭނުން ވަރަށް ބޮޑަށް މި ކަންތައްތައް ބަލަން." މިނިސްޓަރު ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ، ރާއްޖޭގައި ބޮޑެތި ބަލިތައް އިތުރުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގައި ކެންސަރާއި ހާޓް އެޓޭކް ފަދަ ބަލިތައް އިތުރުވަމުން ދާއިރު، މިފަހުން ރާއްޖޭގައި ކުއްލި މަރު ވެސް ގިނަވެފައިވެއެވެ.