މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ ޑރ. އިސްމާއީލް މެންކް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ދީނީ އިލްމުވެރިޔާ މެންކް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް ރާއްޖޭގެ މުޖުތަމައަށް މުހިންމު މައުލޫތަކަށް ދީނީ ދަރުސް ދެއްވުމުގެ ސިލްސިލާއެއް ކުރިއަށް ގެންދެވުމަށްޓަކައި ކުރައްވާ ދަތުރެކެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތާއި ދީނީ އިލްމު ފެތުރުއްވެވުމުގައި ދީނީ އިލްމުވެރިޔާ މުފްތީ މެންކް އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވައި ތައުރީފު ކުރެއްވިއެވެ. އަދި މުފްތީ މެންކަކީ ދިވެހިން ވަރަށް ބޮޑު އިހްތިރާމެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެއް ކަމާ އަދި މުފްތީ ކުރައްވާ މި ދަތުރަކީ ދިވެހިން ވަރަށް އުންމީދު ކުރަމުން އައި ދަތުރެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މުފްތީ މެންކުގެ ދަރުސްތަކުގައި މިހާރުގެ މުޖުތަމައުގައި ހުންނަ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާއިރު އެވާހަކަތައް ފަސޭހައިން ފަހުމުވާނެ ފަދަ ގޮތަކަށް ދަރުސް ކުރިޔަށް ގެންދަވާތީ އެކަމަށް ތައުރީފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މުފްތީ މެންކް ވަނީ މިހާރު ކުރިޔަށް ގެންދަވާ ސިލްސިލާ ދަރުސްތަކާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުންތަކާއި އަދި ބައެއް ތަޖުރިބާ ހިއްސާކުރައްވާފައެވެ. އެގޮތުން މި ޒަމާނަކީ ސޯޝަލް މީޑިޔާގެ ޒަމާންކަން ފާހަގަކުރައްވައި އެކަކު އަނެކަކެއްގެ ހުންނަ ތަފާތުތަކަށް އިހްތިރާމުކޮށްގެން ކުރިޔަށްދިއުމުގެ މުހިންމުކަން މުފްތީ މެންކް ވަނީ ފާހަގަކުރައްވާފައެވެ. އަދި މުފްތީ ރާއްޖެ ވަޑައިގެންނެވުމުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރެއްވެވި ފުރިހަމަ މެހުމާންދާރީ ޝުކުރުވެރިވާ ކަން ފާހަގަކުރެއްވިއެވެ.

އިތުރަށް ވިދާޅުވޭ...