އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި މައްސަލާގައި ޕޭޝަންޓް ޗާޓު ނެތް ކަމަށް ދައުލަތުން ބުނި ވާހަކަ އެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ދޮގުކޮށްފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ މިދިޔަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އެތަނުގައި މަސައްކަތް ކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލައިގެ ކްރިމިނަލް ކޯޓުގައި އިއްޔެ އޮތް އަޑުއެހުމުގައި މޭރީ ގްރޭސްގެ މެޑިކަލް ޗާޓު ހޯދުމަށް އެދިފައިވާތީ، އެ ނުލިބެނީސް ހެކިބަސް ނެގުމަށް އިއުތިރާޒުކުރައްވާނެ ކަމަށް ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ ޕޭޝަންޓު ޗާޓުތައް އޮތް ކަން ނުވަތަ ނޫން ކަން ވެސް އަދި ސާފުވެފައި ނުވާ ކަމަށާއި އަދި، މިއަދު އެކަން އައިޖީއެމްއެޗުން ސާފުކުރާނެ ކަމަށެވެ. އެ މައުލޫމާތު ސާފުނުކޮށް އެ ކަމާ ގުޅުން ހުރި މީހުންގެ ހެކިބަސް ނުނެގޭނެ ކަމަށް ގާޒީ އިއްޔެ ނިންމެވިއެވެ.

އެމައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މަރުވެގެން ހޮސްޕިޓަލަށް ގެންދާ މީހުންގެ މެޑިކަލް ޗާޓެއް ނޯންނާނެ ކަމަށާއި އޮންނާނީ ޑެތު ސަމަރީއެއް ކަމަށް އައިޖީއެމްއެޗުން އަންގާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެ ލިޔުން ނެތީ ކީއްވެގެންތޯ ސާފުކުރަން އެދިފައިވާނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ދައުލަތުގެ އެވާހަކަތައް ދޮގުކުރަމުން ލަމްހާ ބުނީ، ހޮސްޕިޓަލަށް ގެންދާ ކޮންމެ މީހެއްގެ މެޑިކަލް ލިޔުންތައް ހިމެނޭ ބޮޑު ފައިލެއް އޮންނާނެ ކަމަށާއި ދިން ފަރުވާގެ ތަފްސީލުތައް ވެސް އޭގައި ހުންނާނެ ކަމަށެވެ.

މި މައްސަލާގައި ލަމްހާގެ ވަކީލުން ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނާއި އެމްބިއުލާންސްގެ ތެރޭގައި ވެސް މޭރީއަށް ފަރުވާ ދިންކަން ލިޔުންތަކުން އެނގޭ ކަމަށާއި އެހެންކަމުން މެޑިކަލް ޗާޓުތައް ނެތް ކަމަށް ބުނާތީ ކޮންމެވެސް ކަމެއް ފޮރުވަން އުޅޭ ކަމަށް ބެލެވޭ ކަމަށެވެ.

މެޑިކަލް ޗާޓުތައް ނެތް ނަމަ، އެކަން ކޯޓާ ހިއްސާކުރަން ކޯޓުން ދިން ހަތް ދުވަހުގެ މުއްދަތު ހަމަވެފައިވާކަން ވެސް ވަކީލުން ފާހަގަކުރިއެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ އެކަމުގައި އަމަލުކުރީ ކޯޓުގެ އެންގުމާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ދައުލަތުން ޒިންމާދާރުކަމާ އެކު، އެކަންކަން ބެލުމަށް ގާޒީ ވަނީ އަންގަވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ހަތަރު މީހެއްގެ ހެކިބަސް ނަގާފައިވާއިރު މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިންއާއި ލަމްހާއާ ދެކޮޅަށް ޖުމުލަ 110 ހެއްކެއް ވަނީ ހުށަހަޅާފައެވެ. އެއީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެއްކެވެ.