އެންމެ ގިނަ ބަޔަކު އެއްފަހަރާ ފީނައިގެން ނޭވާ ހިފަހައްޓާލައިގެން ރާއްޖޭން ދުނިޔޭގެ ރެކޯޑެއް ހަދަން ދާދި ފަހުން ބޭއްވި "ނޭވާ 2" "ނޭވާ2 " އަށް ރަސްމީކޮށް ގިނީސް ވޯލްޑް ރިކޯޑް ހަވާލުކޮށްފިއެވެ.
މި އެވޯޑް ރާއްޖެއަށް ހަވާލުކޮށްފައިވަނީ "ނޭވާ2" ފްރީ ޑައިވިންގ ރިކޯޑާއި ގުޅިގެން ބޭއްވި ގާލާ ޑިނާ ނައިޓްގައެވެ. ރާއްޖޭގެ ފަރާތުން އެވޯޑާއި ހަވާލުވީ ފްރީޑައިވް އެޕް މޯލްޑިވްސްގެ ފައުންޑާ ފަހުދު ފާއިޒެވެ. މި އެވޯޑް ހަވާލުކޮށްދެއްވީ ގިނީސް ރެޕްޒެންޓޭޓިވް ސުވަކްނިލް ދަރިންކާއެވެ.
މިގާލާ ޑިނާ ނައިޓްގައި މިހަރަކާތުގައި ބައިވެރިވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލާއަށް ހަނދާނީ ފިލާއާއި އެވޯޑް އަރުވާފައިވާއިރު ހަނދާނީ ފިލާއާއި އެވޯޑާ ހަވާލުވެލެއްވީ ރައީސް ސޯލިހްއެވެ.
މީގެ އިތުރަށް މިޑިނާ ނައިޓްގައި މި ހަރަކާތް ކުރިއަށްގެންދިޔުމުގައި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ވެސް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.
"ފްރީޑައިވް މޯލްޑިވްސް"އިން އިންތިޒާމުކުރި "ނޭވާ 2" ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ދިމާކޮށް ރާއްޖޭގެ ނަން "ގިނީސް ވޯލްޑް ރެކޯޑް" ފޮތަށް އެރުވުމަށް ހިންގި ބޮޑު ހަރަކާތެކެވެ.
މި ހަރަކާތް ރާއްޖޭގެ 12 ރިސޯޓެއްގައި އެއް ވަގުތެއްގައިވަނީ ކުރިއަށް ގެންގޮސްފައެވެ. ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ އެކި ފަރާތްތައް ހިމެނޭހެން 459 މީހަކު ބައިވެރިވެފައިވާއިރު ރެކޯޑުގައި ހަމަޖެހިފައިވާ ގައިޑްލައިންގައިވާ ގޮތަށް އެއް މިނެޓު ތިރީސް ސިކުންތު ކަނޑު އަޑީގައި ހިފަހައްޓާލެވުނީ 455 މީހަކަށެވެ.
2019 ވަނަ އަހަރު ކުރިއަށްގެންދިޔަ މީގެ ފުރަތަމަ ހަރަކާތުގައި ރާއްޖެ އިން ވަނީ ފްރީ ޑައިވް ކުރުމުގެ ވޯލްޑް ރެކޯޑެއް ޤާއިމްކޮށްފައެވެ. އެފަހަރުގެ ހަރަކާތުގައި 521 މީހުން ވަނީ ބައިވެރިވެފައެވެ.