ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހިންގާ ހއ. މާރަންދޫ އިންޖީނުގެއަށް އާމްދަނީގެ ގޮތުގައި ވަދެފައިވާ 2 ލައްކައަށް ވުރެ ގިނަ ފައިސާ އެތަނާ ހަވާލުވެ ހުރި މުހައްމަދު އަރީފް އެކި ފަހަރު މަތިން ނަގާފައިވާ މައްސަލައިގައި އެ ފައިސާ ނަގައި ދިނުމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އެދިފައި ނުވާތީ އެ ފައިސާ ނުނަގާ ގޮތަށް ހުކުމް ކޮށްފިއެވެ.

މިއީ 2014 ވަނަ އަހަރު މުހައްމަދު އަރީފް މާރަންދޫ އިންޖީނުގެއާ ހަވާލުވެ ހުރި އިރު އެކި ދުވަސްމަތިން ޖުމްލަ 224،760.29 ރުފިޔާ އަށް ހިޔާނާތްތެރި ވެފައި ވާތީ އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރި ވުމުގެ ދައުވާގެ މައްސަލައިގެ ޝަރީއަތް ނިންމި ގޮތެވެ.

ކްރިމިނަލް ކޯޓުން ބުނީ، މުހައްމަދު އަރީފް ހިޔާނާތްތެރި ވުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި ގާނޫނުލް އުގޫނާތުގެ 215 ވަނަ މާއްސާއާއި 220 ވަނަ މާއްދާގެ (ށ)ގެ ދެވަނަ ނަަންބަރާއި އެ ގާނޫނުގެ 1002 ވަނަ މާއްސާގެ ދަށުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ. މި މައްސަލައިގައި އަރީފް ބަންދުގައި 21 ދުވަސް ހޭދަކޮށްފައި ވާތީ އޭނާއަށް ކަނޑައެޅި ޖަލު ހުކުމް ތަންފީޒު ކުރަން ޖެހޭ އަދަބަކީ އެއް އަހަރާއި ހަ މަހާއި 15 ދުވަހުގެ މުއްދަތެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ނަމަވެސް އަރީފް ތަންފީޒު ކުރަންޖެހޭ ޖަލު އަދަބު ޖޫރިމަނާގެ އަދަބަކަށް ވަނީ ބަދަލު ކޮށްފައެވެ. އެ ގޮތުން އޭނާ ޖޫރިމަނާއެއްގެ ގޮތުގައި މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެއް އަހަރުގެ މުއްދަތުގެ ތެރޭގައި 111،000 ރުފިޔާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ އަންގާފައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އޭނާ ޖޫރިމަނާ ކޮށް އެ ފައިސާ ދެއްކުމަށް އަންގާފައިވީ ނަމަވެސް އޭނާ ހިޔާނާތްތެރިވި ފައިސާ ދެއްކުމަށް އަމުރު ކޮށްފައެއް ނުވެއެވެ. ކްރިމިނަލް ކޯޓުން ބުނީ، އަރީފް ހިޔާނާތްތެރިވި ފައިސާ ނަގައި ދިނުމަށް ދައުލަތުން އެދިފައި ނުވާތީ ހިޔާނާތްތެރިވި ކަން ސާބިތުވި ފައިސާ ނަގައި ދިނުމާ މެދު ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.

އެކި ފަހަރު މަތިން އޭނާ ނަގާފައިވާ ފައިސާގެ ތަފްސީލަށް ބަލާ އިރު، 2014 ވަނަ އަހަރު ތެރޭގައި ތިޖޫރީން ހަތަރު ފަހަރެއްގެ މަތިން އޭނާ ވަނީ ފައިސާ ނަގާފައެވެ. އެ ގޮތުން އެ އަހަރު ފެބްރުއަރީ 11 ވަނަ ދުވަހު ބޭންކަށް ޖަމާ ކުރަން ކަމަށް ބުނެ 79،118.92 ރުފިޔާ ނަގާފައިވާ އިރު 30 އޭޕްރީލް ގައި ކުއްޔަށާއި ބިލް ދެއްކުމަށާއި އަދި ބޭންކަށް ޖަމާކުރުމަށް ކަމަށް ބުނެ ތިޖޫރީން ނެގި 38،494.93 ފައިސާ އޭނާ ބޭންކަށް ޖަމާކޮށްފައެއް ނުވެއެވެ.

ހަމައެއާއެކު އެ އަހަރު ސެޕްޓެމްބަރު 9 ގައި ތިޖޫރީޏް ނެގި 107،720.47 ރުފިޔާއިން އޭނާ ބޭންކަށް ވަނީ 78،618.96 ރުފިޔާ ޖަމާކޮށްފައެވެ. ނަމަވެސް އެ ފައިސާއިން 29،101.51 ފައިސާ އޭނާ ބޭންކަށް ޖަމާކޮށްފައެއް ނުވެއެވެ. އަދި ހަމަ އެ މަހުގެ 25 ވަނަ ދުވަހު ތިޖޫރީން ނެގި 78،044.93 ރުފިޔާ ބޭންކަށް ޖަމާކޮށްފައި ނުވެއެވެ.