ދައުލަތުގެ އިދާރާތަކާއި އޮފީސްތައް ހިންގުމަށާއި ގުދަން ކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަލުގެ އިމާރާތްތައް ދައުލަތުން ކުއޔްަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ އެފަދަ ތަންތަން ދައުލަތުގެ އިމާރާތްތަކަށް ބަދަލު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ ގަވާއިދުގެ 167 މާއްދަގެ ދަށުން މި ގަރާރު ހުށަހަލުއްވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒެވެ. އެ ގަރާރުގައި ބުނެފައި ވަނީ މަހަކު 8.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ އިދާރާތަކާއި އޮފީސްތައް ހިންގުމަށާއި ގުދަން ކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަލުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ހޭދަ ކުރަމުންދާ ކަމަށެވެ. އެއީ އަހަރަކަށް ބަލާނަމަ 102 މިލިއނަަށް ވުރެ ގިނަ ރުފިޔާ ކަމަށް އެ ގަރާރުގައި ވެއެވެ.
އެފަދަ ތަންތަން ދައުލަތުގެ އިމާރާތަކަށް ބަދަލު ކުރުމުގެ ޕްލޭނެއް އޮތް ކަމަށް ފެނިވަޑައި ނުގަންނަވާތީ މި ނުރަނގަޅު އާދަ ދެމިގެން ދާ ގޮތަށް އޮތުމަކީ ދައުލަތުގެ ފައިސާ އިސްރާފް ބޮޑު ގޮތަކަށް މެނޭޖް ކުރުމާއި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަކަށް ވާނެ ކަމަށް ބުނެފައި ވެއެވެ. އަދި މިކަމަށް ބަދަލު ގެނައުމުން ހިދުމަތް ހޯދުމަށް ދާ ފަރާތްތަކަށް ވެސް ހިދުމަތް ހޯދުމަށް ފަސޭހަވާނެ ގޮތަށް ދާއިމީ ހައްލެއް ހޯދުމުގެ ބޭނުންތެރިކަން އޮްތް ކަމެއް ކަަމށް ވެސް އެ ގަރާރުގައި ވެއެވެ.
އަދި ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަސާއި ގުދަން ކުރުމަށް އަމިއްލަ ފޜާާތްތަކުގެ އިމާރާތް ދިގު މުއްދަތަކަށް ދެމިގެންދާ ގޮތަށް ކުއްޔަށް ހިފައި ދައުލަތުން ހޭދަކުރާ ފައިސާއަށް ހައްލެއް ހޯދިއްޖެ ނަމަ ދައުލަތުން ތަރައްގީގެ މަޝްރުއުތަކުގެ އިތުރަށް އާންމު ރައްޔިތުންނަށް ސީދާ ގުޅުން ހުރި ކަންކަމަށް ހޭދަ ކުރެވޭނެ ކަމަށް ވެސް އެ ގަރާރުގައި ބުނެފައި ވެއެވެ. އެގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތައް މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށް މިކަމަށް އަވަސް ހައްލެއް ގެނެވޭނެ ގޮތްތައް ދެނެގަނެ، އަވަސް ހައްލެއް ގެނައުމަށް ވަނީ ގޮވާލައްވާފައެވެ.