ޗާގޮސް މައްސަލާގައި ރައީސް މޮރިޝަސްއަށް ފޮނުވި ސިޓީގެ މައްސަލަ ބަލައިދިނުމަށް އެދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މަޖިލީހަށް ހުށަހަޅައިފިއެވެ.

ތޯރިގު ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދާއި ދުށުއެރުންތަކެއް ހުރިކަމަށްބުނެ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ރާއްޖޭއާއި ދެކޮޅަށް މައްސަލައެއް ހުށަހަޅައިގެން ކުރިއަށް ދަނިކޮށް މިރިޝަސްއަށް ޗާގޮސް ސިޔާދަތީ ބާރު ލިބިގެންވާކަމަށް ރާއްޖެއިން ގަބޫލުކޮށް މިއަހަރުގެ އޮގަސްޓް 22 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ރައީސް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ބަންޑާރަ ނައިބު ވަނީ މި މަހުގެ 20 ވަނަ ދުވަހު ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ވިދާޅުވެފައިވާ ކަމަށެވެ.

މޮރިޝަސްއިން ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ދައުވާކުރާ މައްސަލައިގައި ޒަމާނުއްސުރެ ރާއްޖެއިން އަމަލުކުރަމުން އަދި ދަމަހައްޓަމުން އަންނަ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގެ ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް އުނިވާތީ ރައީސް މޮރިޝަޝްގެ ބޮޑުވަޒީރަށް ފޮނުވާފައިވާ ސިޓީއަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 3 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނާނެ ހާލަތެއް މެދުވެރިވާ ކަމެއް ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އެ ސިޓީ ގެންނަވައި އެ މައްސަލަ ބައްލައިދެއްވުން ތޯރިގު ވަނީ އެދިފައެވެ.