ވޭޕާއި ޝީޝާ އަކީވެސް ދުންފަތުގެ ބާވަތެއް ކަމަށާއި އިސްތިހާރުކޮށް ޕްރޮމޯޓްކުރުމަކީ ގާނޫނީ ކުށެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ ދުންފަތުގެ ބާވަތްތަކާއި ދުންފަތުގެ ވިޔަފާރިއާ ދުންފަތުގެ އިސްތިއުމާލުކުރުން އިސްތިހާރުކޮށް ޕްރޮމޯޓްކުރުމަކީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުން މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

ދުންފަތުގެ ބާވަތްތައް ތަފާތު ގޮތްގޮތަށް ވަކިން ހާއްސަކޮށް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި އިޝްތިހާރު ކުރަމުންދާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ބައެއް އިސްތިހާރު ދުންފަތުގެ ބާވަތްތަކުގައި ދުންފަތް ނުހިމެނޭ ކަމަށާއި ދުންފަތުގެ އެއް ބާވަތެއް އަނެއް ބާވަތަށްވުރެ ރައްކާތެރިކަމާ އޭގެން ލިބޭ ސިއްހީ ގެއްލުން ކުޑަކަން ނުވަތަ ގެއްލުމެއް ނުވާކަމަށް ބުނާ ހަގީގަތާ ހިލާފު މައުލޫމާތުވެސް ހިމަނާފައިވާ ކަމަށެވެ.

ދުންފަތާއި ދުންފަތުން އުފައްދާ އެއްވެސް މާއްދާއެއްގެ އެއްވެސް މިންވަރެއް ހިމެނޭ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށާއި ޝީޝާ ދުންފަތާއި ހީޓެޑާއި ވޭޕް އަދި އީ ސިނގިރޭޓްގެ ހުރިހާ ބާވަތްތައްވެސް ހިމެނެނީ ދުންފަތުގެ ބާވަތްތަތުގެ ތެރޭގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ދުންފަތުގެ އެއްވެސް ބާވަތެއް، އަދި ދުންފަތުގެ އިސްތިއުމާލުކުރުމުގެ އަމަލު، އެއްވެސް މިންވަރަކަށް އެއްވެސް ތަނެއްގައި އެއްވެސް ގޮތަކަށް އިސްތިހާރުކޮށް ޕްރޮމޯޓްކުރުމަކީ ގާނޫނީ ކުށެއް ކަމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

އެޗްޕީއޭއިން ބުނީ ސީދާ އަދި ނުސީދާ ގޮތުން ވިޔަސް އެއްވެސް ތަނެއްގައި ބެހެއްޓުން އަދި އެފަދަ މަންޒަރެއް ނުވަތަ އަޑެއް އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ދެއްކުން ނުވަތް އިއްވުން ނުވަތަ އާންމުކުރުން ނުވަތަ އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުުމުގެ ހަފުލާތަކާއި ހަރަކާތްތައް ހިންގުމަކީވެސް ގާނޫނީ ކުށެއް ކަމަށެވެ.

ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން ދުންފަތުގެ ބާވަތްތައް އިޝްތިހާރު ނުވާނޭހެން ދޭދޭ ވިޔަފާރިތަކުގެ މެދުގައި ކުރާ މުއާސަލާތްތަކާ ފިހާރަތަކުގައި އިޝްތިހާރުނުވާނޭހެން އަދި ދުންފަތުގެ ބާވަތްތަކުގެ ޕެކެޓްގެ ބޭރުގައި ޖެހުމަށް ގާނޫނު ލާޒިމުކުރާ ސިއްހަތުގެ އިންޒާރު ނުފޮރުވޭގޮތަށް އަދި މަގު ހިނގާ މީހުންނަށް ނުފެންނަގޮތަށް ޑިސްޕެންސާ ގައި ނުވަތަ ރެކްތަކުގައި ދުންފަތުގެ ބާވަތްތައް ބެހެއްޓުމާއި ވަކި ބްރޭންޑެއް ތަފާތު ނުވާނޭހެން އަދި ބްރޭންޑްގެ އެއްވެސް ސިފައެއް ނުހިމެނޭގޮތަށް ސާދާ އަކުރުން ކަޅާ ހުދުން އަގު ލިސްޓެއް ބެހެއްޓުމަށް ގާނޫނޫ ހުރަހެއް ނާޅައެވެ.

ގާނޫނާ އެއްގޮތަށް އެތެރެކޮށްފައިވާ ނުވަތަ ރާއްޖޭގައި އުފައްދާފައިވާ އަދި ގާނޫނާ އެއްގޮތަށް ޕެކްޓްކޮށް ލޭބަލް ޖަހާފައިވާ ދުންފަތުގެ ބާވަތްތައް އެފަދަ ތަކެތި ގަތުމަށް ވިޔަފާރިކުރާ ތަންތަނަށް އައިސް އެ ގަތުމަށް އެދޭ 18 އަހަރު ފުރިފައިވާ ފަރާތްތަކަށް ގާނޫނު ހުއްދަކުރާ މިންވަރަށް ދުންފަތުގެ ބާވަތްތައް ވިއްކުން ގާނޫނު ހުއްދަ ކުރާ ކަމަށްވީ ނަމަވެސް އޮންލައިންކޮށް އަދި ޑެލިވަރީ ހިދުމަތް ފަދަ ތަކެތި ގަންނަ ފަރާތަކީ ކާކުކަން އަދި އެ ފަރާތުގެ އުމުރު ކަށަވަރު ނުކުރެވޭ ވަސީލަތްތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.