އެސްޓީއޯގެ ތިންވަނަ ކުއާޓާގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯގެ މި އަހަރުގެ ތިންވަނަ ކުއާޓާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ތިންވަނަ ކުއާޓާގައި ޖުމްލަ ފައިދާގެ ގަޮތުގައި ވަނީ 515 މިލިއަން ރުފިޔާ ލިބިފައެވެ. އެހެންނަމަވެސް ދެވަނަ ކުއާޓާގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 458 މިލިއަން ރުފިޔާއެވެ. އަދި މިއީ އޭގެ ކުރީ ކުއާޓާއާ އަޅާބަލާއިރު 13 ޕަސެންޓް ކުރިއެރުމެކެވެ.

މިދިޔަ ކުއާޓާއާ އަޅާބަލާއިރު މި ކުއާޓާގައި ކުރިއެރުން ލިބިފައިވަނި އެސްޓީއޯއިން ކުރަމުން ގެންދާ ހުރިހާ ވިޔަފާރީތައް ރަނގަޅު ކުރެވި މުދާ ގަތުމަށް ކުރާ ހަރަދު ކުޑަކުރެވިގެން ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓާގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 255 މިލިއަން ރުފިޔާ ލިބިފައެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު މަތިވުމާއިއެކު ފައިނޭންސް ކުރުމުގެ ހަރަދު އިތުރުވެފައި ވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިިންގުމުގެ ހަރަދު ނިސްބަތުން ކުޑަކުރެވުމާއެކު ސާފު ފައިދާ އިތުރުވެފައިވާ ކަމަށާއި ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓާގެ ސާފު ފައިދާއަކީ 205 މިލިއަން ރުފިޔާ ކަމަށެވެ.