ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ، ޖާއިޒް ކަމެއްގެ ގޮތުގައި ގަބޫލުކޮށް، އެކަމަށް ހިތްވަރު ދިނުމަށްވުރެ، ބޮޑު ނުބައެއް ނޯންނާނެ ކަމަށާއި އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
ދުނިޔެ އާއި ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، ދައުލަތުގެ ތިންބާރާއި، ސިވިލް ސޮސައިޓީގެ ތެރޭގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިނގާ ކަމަށެވެ. އަދި ދައުރެއް ބަދަލުވެ ވެރިކަން ފުރޮޅުނަސް، އެއަންނަ ކުއްލި ބަދަލާއިއެކު ހުރިހާކަމެއް ވަގުތުން ރަނގަޅުވެ އިސްލާހުވެގެން ނުދާނެ ކަމަށާއި، ކަންކަމަށް ހުޅުވިފައި ހުންނަ ދޮރުތަކާއި، ވެފައި އޮންނަ ޒަމާންވީ އާދަ، ހަމަ އެވަގުތު ބަދަލުވެސް ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް، ކަމެއް މާގިނަ ދުވަހު ދެމި އާދައަކަށް ވުމުން، ނުރަނގަޅު އޮންނަނީ ރަނގަޅެއްގެ ގޮތުގައި ބެލެވިފައިކަމަށާއި ގޯސް އޮންނަނީ އެއްގޯސްވެފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮރަޕްޝަނާއި ފަސާދަޔާއި ނާޖާއިޒް ފައިދާ ނެގުމަކީ، ދައުލަތުގެ ތެރޭގައި އިންތިޒާމްވެފައި އޮންނަ ރީތިކަމެއްގެ ގޮތުގައި ވެރިންދެކި އެ ނަމޫނާ ދެއްކުމަށްވުރެ ބޮޑު ގޯހެއް އެއްވެސް ގައުމަކަށް ނޯންނާނެ ކަމަށެވެ.
ކޮރަޕްޝަނާއި ދެކޮޅަށް މިސަރުކާރުން ކުރި މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ މިނިވަން މާހައުލެއް ގާއިމުކޮށްދިނުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ އަމަލުތައް ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، އަދި ކުރާ ތަހުގީގަކަށްވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ، މިސަރުކާރަށް 4 އަހަރު ފުރެންދާއިރު، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަން ފާހަގަކުރައްވާ އެކަންކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް، ބައިނަލްއަގުވާމީ މުޖްތަމައުން މިއަދު ބަލައިގަންނަ ކަމަށެވެ. ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް، ފަރުވާ ބޭނުންވެފައިވާ އެންމެބޮޑު ބަލިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެބައްޔަށް އޮތް ޝިފާއަކީ، ހާމަކުރުމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަތުން ކަމަށެވެ.