މި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ގދ. ހޯޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި އަބްދުﷲ ރަޝީދު ހައްޔަރުކޮށްގެން ގެންދަނިކޮށް މަރުވި މައްސަލާގައި ކަން ހިނގާ ދިޔަ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި ރަޝީދު މަރުވި ހާދިސާގައި ކަން ހިނގައި ދިޔަ ގޮތް އިންސާފުވެރި ކަމާއެކު ރަނގަޅަށް ތަހުގީގު ކުރުމަށް އިރުޝާދު ދެއްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައީސް، ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި އެ މައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސް ގެންދަވަނީ ގާތުން ބައްލަވަމުން ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ބޭނުން ނުވާ ކަމަށާއި އާއިލާއާ ހަށިގަނޑު ހަވާލުކުރަން އާއިލާއިން އެދުމުން އައި ނަމަވެސް އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ވަނީ ނިންމާފައެވެ.
ސީޕީ ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތަށް ހައްޔަރު ކުރި ރަޝީދު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ހުއްޓާ މަރުވުން އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެވާނެ ކަމަށެވެ.
މި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ގދ. ހޯޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި އަބްދުﷲ ރަޝީދު ހައްޔަރު ކޮށްގެން ގެންދަނި ކޮށް މަރުވި މައްސަލާގައި ތަހުގީގު ފަށާފައި ވާ އިރު ހޯޑެންދޫގައި ހިންގަމުން ދާ އޮޕަރެޝަންގައި އެ ރަށުގެ ވަލުތެރެއިން ވަނީ މަސްތުވާތަކެތިވެސް ހޯދާފައެވެ. އެ އޮޕަރޭޝަންގައި ގިނަ އަދަދެއގެ މަސްތުވާތަކެތި ހޯދި ކަމަށް ބުނި ނަމަވެސް އެއީ ކިހާ އެއްޗެއްސެއް ކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ރަޝީދު ހައްޔަރު ކުރި ތުހުމަތު ދޮގުކޮށް އޭނާގެ އާއިލާއިން އޭނާގެ އަންހެނުން އިއްޔެ މީޑިއާގައި ބުނެފައި ވަނީ ރަޝީދު އެފަދަ ކަމެއް ނުކުރާނެ ކަމަށާއި އެފަދަ ކަމެއްގެ ތުހުމަތުވެސް އޭނާގެ މައްޗަށް ނެތް ކަމަށެވެ.