އާއިލާގެ ނުރުހުމުގައި މައްޔިތާގެ ހަށިގަނޑު ހިފެހެއްޓުމާއި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް ގާނޫން ލިބިދީފައިނުވާނެ ކަމަށް ގާނޫނީ ވަކީލު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލްއެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިފަދައިން ވިދާޅުވެފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްގެން ގެންދަނިކޮށް މަރުވި ގދ. ހޯޑެއްދޫ އަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވުމަށް ނިންމާފައިވަނިކޮށެވެ.
އާޒިމާ ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ވަރަށް ސާފުވާ ކަމަށާއި އެއްވެސް މީހަކު ހިފާ ހައްޔަރުކޮށް 24 ގަޑިއިރަށް ވުރެ ގިނައިރު ހިފެހެއްޓޭނީ ފަނޑިޔާރެއްގެ ކުރި މައްޗަށް އެ މީހަކު ހާޒިރު ކުރުމަށްފަހު އެކަމަށް ކޯޓުގެ އަމުރު ހޯދާގެން ކަމަށެވެ. އަދި އެެ މާއްދާއިން މަރުވެފައިވާ އޮތް މީހެއް އިސްތިސްނާ ނުކުރެވޭނެ ކަމަށް ވެސް އާޒިމާ ފާހަގަކުރެއްވިއެވެ.
ޖިނާއީ އިޖުރާތުގެ ގާނޫނަށް ބަލާއިރު އެއްވެސް މީހެއްގެ ހަށިގަނޑު ސާމްޕަލް ނެގޭނީ އެ މީހެއްގެ ހުއްދަ ލިބިގެން ކަމަށާއި އެ ހުއްދަ މަރުވެފާ އޮންނަ މައްޔިތާއަށް ހިނގާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އެއީ ޕޯސްޓްމޯޓަމް ހެދުމާ ބެހޭ ގާނޫނެއް ނެތުމުން ކަމަށް އާޒިމާ ވިދާޅުވިއެވެ. އެހެން ކަމުން އެ ހުކުމަށް ބަލާއިރު މައްޔިތާގެ ހަށިގަނޑު ފަޅާ، ސާމްޕަލް ނެގޭނީ އޭނާގެ ޝަރުއީ ބަލަދުވެރިޔާ ނުވަތަ ވާރިސުންގެ ހުއްދަ ދިނީމާ ކަމަށާއި އެ ނޫން ގޮތަކަށް ފުލުހުންގެ ތަހުގީގަށް އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ މައްޔިތާގެ ހަށިގަނޑަކީ ވާރިސުންގެ ހައްގެއް ކަމަށާއި އާއިލާގެ ނުރުހުމުގައި ހަށިގަނޑު ހިފެހެއްޓުމުގެ ބާރެއް، ރާއްޖެއިން ފުރުވާލުމުގެ ބާރެއް އަދި ފޯސްޓްމޯޓަމް ހެދުމުގެ ބާރެއް އެއްވެސް ގާނޫނަކުން ދައުލަތަށް ލިބިދީފައި ނުވާ ކަމަށެވެ.
އާއިލާއިން ހަށިގަނޑު ހޯދަން ބޭނުން ނަމަ އާއިލާއަށް ހަށިގަނޑު ހަވާލުނުކޮށް ބޭއްވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ އިތުރަށް ވިދާޅުވީ ދައުލަތުގެ ހަވާލުވެހުރި މީހާގެ ނުވަތަ މުއައްސަސާއެއްގެ އިހުމާލު އޮތް ކަމަށް ކޯޓަށް އެކަށީގެންވާ ޝައްކު އޮތް ހާލަތުގައި އާއިލާއިން ނުވަތަ ކޯޓުން ގަބޫލުކުރާ ތަނަކުން ނޫނީ ޕޯސްޓްމޯޓަމް ނުހެދޭނެ ކަމަށް އަމުރުކުރެވިދާނެ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.
ޙާދަ ޕީ.ޕީ އެމް ކުދިން ގިނައޭ ދޯ. ކޮންމެ ދިމާލަކުން ވެސް ޕީ.ޕީ.އެމް