މިދިޔަ އަންގާރަ ދުވަހު ނިޔާވި ގދ. ހޯޑެއްދޫ / ސްވެން، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގެ ތަހްގީގަށް ކަމަށް ބުނެ، އޭނާގެ އާއިލާގެ ނިންމުމާ ދެކޮޅަށް ޕޯސްޓްމޯޓަމް ހަދަން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކޮށް، އަބްދުﷲ ގެ އާއިލާ އިން ބުނީ:

  • ޕޯސްޓްމޯޓަމް ހަދަނީ އަނިޔާ ދީފައިވޭތޯ ބަލަން ކަމަށްވާއިރު މަސްގަނޑަށް އަނިޔާ ދީފައި ނުވާކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް
  • އެހެންވެ ޕޯސްޓްމޯޓަމް ހަދަން ޖެހޭ ބޭނުމެއް ނެތް ކަމަށް
  • އަބްދުﷲ މަރުވީ ހާޓްއޭޓޭކެއް ޖެހިގެން ކަމަށް އޭނާ ބެލި ޑޮކްޓަރު ބުނެފައިވާ އިރު އެކަން މުޅި އާއިލާ އިން ގަބޫލުކުރާ ކަމަށް

ނަމަވެސް މިރޭ ނެރުނު ބަޔާނެއްގައި އެންއައިސީން ބުނީ، އަބްދުﷲ ނިޔާވި މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް، އެ ކޮމިޝަނުން އިސްނަގައިގެން ތަހްގީގުކުރަން ފަށާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި، ފުލުހުންނާ ގުޅިގެން ހިންގާ އެ ތަހްގީގުގައި ފުލުހުންގެ ދައުރަކީ ކޮމިޝަންގެ ތަހްގީގަށް އެއްބާރުލުން ދިނުމެވެ. އަދި އިސްނަގައިގެން އެ މައްސަލަ ތަހްގީގުކުރުމުގެ ދައުރު އަދާކުރާނީ އެންއައިސީން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ހަމަ އެއާއެކު، އެ މައްސަލައިގެ ފުނަށް ވާސިލްވުމަށްޓަކައި އަބްދުﷲ ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހަދަން ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ

މީގެ ދެ ދުވަސް ކުރިން ފުލުހުން ހައްޔަރުކުރި އަބްދުﷲ ގެ މެޔަށް ތަދެއް އަރައި، ފިޓް ޖެހެން އުޅޭ ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް އެ ސެންޓަރުން އެމީހާ ބެލި ޑޮކްޓަރުން ބުނެފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.

އެ ހާދިސާ އާ ގުޅޭ މައުލޫމާތު އެންއައިސީ އަށާއި އެޗްއާރުސީއެމަށް ހިއްސާ ކޮށްފައި ވާ ކަމަށާއި އެ ހާދިސާ ތަހުގީގުކޮށް ދިނުމަށް ވެސް އެދިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.