އިންތިހާބުތަކުގައި ވޯޓު ލިބޭ އަދަދަށް ބަލައިގެން ޕާޓީތަކަށް ފައިސާ ދޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހަށް މި މައްސަލަ ހުަށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) އެވެ.

މޯޑު މި މައްސަލަ ހުށަހެޅުއްވީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައާއި އެއް ޕާޓިން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމުގައި އަދި ޕާޓިން މެންބަރުން ވަކިކުރުމުގައި ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ވިދާޅުވެއެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮތް ގޮތް ބަދަލުކޮށް، ޕާޓިތަކަށް ވޯޓު ލިބޭ އަދަދަށް ބަލައިގެން ފައިސާ ދޭގޮތަށް ގާނޫނަށް ބަދަލު ގެންނަން އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރެއްވި އިރު ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ޖެހޭ ކަމަށް އީސީން އެކުލަވާލައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ އިސްލާހުތައް އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔާއެކު ބިލެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވެއެވެ.

މި އަހަރު ފައިސާ ދޫކުރި ޕާޓީތަކަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީއެވެ.

ޕާޓީތަކުގައި މެންބަރުން ތިބި އަދަދާއި ފައިސާ ދޫކުރާ އަދަދު:

  • އެމްޑީޕީ، 54،660 މެންބަރުން، ދޫކުރާ ފައިސާގެ އަދަދު، 15،024،009.96 ރުފިޔާ.
  • ޕީޕީއެމް، 34،237 މެންބަރުން، ދޫކުރާ ފައިސާގެ އަދަދު، 9،410،483.51 ރުދިޔާ.
  • ޖޭޕީ، 20،107 މެންބަރުން، ދޫކުރާ ފައިސާގެ އަދަދު، 5،526،669.74ރުފިޔާ..
  • އަދާލަތު ޕާޓީ، 10،554 މެންބަރުން، ދޫކުރާ ފައިސާގެ އަދަދު، 2،900،903.79 ރުފިޔާ

ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ.