މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާ ހިމާޔަތް ކުރުމަށާއި, މިލޮބުވެތި ވަތަންގެ މިނިވަންކަމާއި, އިސްތިގުލާލް ދެމެހެއްޓުމަށް ކުރައްވަން ޖެހޭ ކޮންމެކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާ ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން އެކަން ކަށަވަރުކޮށް ގަބޫލުކުރައްވާ ކަމަށެވެ.

މިއަހަރަކީ ރާއްޖެ އިން ދިވެހި ދައުލަތެއްގެ ގޮތުގައި އިސްލާމްދީން ގަބޫލުކުރިތާ 896 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ މިއީ ގައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި އެ ދައުލަތެއްގައި ހިމެނޭ ހުރިހާ ރައްޔިތުންނަށް އެއަށް ވުރެ މަތިވެރި ނިއުމަތެއް ނުލިބޭނެ ނިއުތަމެއް ކަމަށެވެ.

އިމްރާން ވިދާޅުވީ އަޅުގަނޑުމެންނަކީ މީސްކޮޅު މަދު ކުޑަ ގައުމެއް ނަމަވެސް, އަދި އިގްތިސާދު ކުޑަނަމަވެސް ގޮންޖެހުންތަކާއި, ދަތިތަކާއެކުވެސް އިސްލާމް ދީނުގެ ނިއުމަތަށް ވިސްނައިފި ނަމަ ވަކިން ބޮޑު ނިއުމަތެއްގައި އޮތް ގައުމެއް ދުނިޔޭގައި ނެތް ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވީ ސައްތައިން ސައްތަ އިސްލާމީ ގައުމުތައް ދުނިޔޭގައި މަދު ކަމެއްވެ.

އެހެންކަމުން އެގޮތުގެ މަތީގައި ދެމިތިބުމަށްވުރެ ހެޔޮކަމެއް އަޅުގަނޑުމެންނަށް ނެތް. އެގޮތުގެ މަތީގައި ދެމިތިބުމަށް ކުރިމަތިވެދާނެ ގޮންޖެހުމަކުން ސަލާމަތްވުމަށްވުރެ ވަކިން ބޮޑު މަސައްކަތެއް އަޅުގަނޑުމެން ކުރާކަށް ނެތް.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިއަދު މިހާލަތުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ ހިމާޔަތް ކުރުމަށާއި, ގަމުގެ މިނިވަންކަމާއި, އިސްތިގުލާލު ދެމެހެއްޓެވުމަށް ރައީސް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ ރައީސް ސޯލިހަށް ތައުރީފް ކުރައްވާފައި މިވަނީ، ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް އެތަން މޮރިޝަސް އަށް ދޫކޮށްލަން ރާއްޖެއިން ވޯޓު ދިނުމާއެކު ރާއްޖޭގެ އީއީޒެޑުން ބައެއް އުނިވާނެ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރާއި ރައީސް ސޯލިހަށް އަމާޒުވަމުން ދާ ދަނޑިވަޅެއްގައެވެ.