އުމުރުން 81 އަހަރުގައި މީހަކަށް އޭނާގެ ކޮއްކޮ އާ ދިމާވެއްޖެއެވެ.

ޖޯން އެލިސް ނަމަކަށް ކިޔާ މި ފިރިހެން މީހާ އުޅެ ބޮޑުވީ އޯފަނޭޖްގައެވެ. އެހެންކަމުން އޭނާގެ އާއިލާގެ އެއްވެސް މައުލޫމާތެއް މީގެ ކުރިން އޭނާއަށް ލިބިފައެއް ނުވެއެވެ. ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ޖޯން ބުނީ ދާދިފަހަކާ ޖެހެންދެން ވެސް އޭނާގެ އާއިލާ އެއް ނޭނގޭ ކަމަށެވެ. ނަމަވެސް މިއަހަރު ކުރީކޮޅު އެނގިގެން ދިޔައީ އޭނާގެ އެއްބަފާ ހަތަރު ކޮއްކޮ ތިބޭ ކަމަށެވެ. އެކަން އެނގުމާ ގުޅިގެން ކޮއްކޮ ދިރިއުޅޭ ގައުމަށް ދިޔުމަށް އޭނާ ނިންމިއެވެ.

81 އަހަރު ފަހުން ޖޯން އަށް މިވަނީ އޭނާގެ އާއިލާ އާ ބައްދަލު ވެފައެވެ. އުމުރުން 79 އަހަރުގެ ޝާލީ (ކޮއްކޮ) ހުންނަކަން އެނގުމާއެކު ނަންބަރު ހޯދައިގެން ކޮއްކޮ އަށް ބަރާބަރަށް ގުޅަމުން އަންނަ ކަމަށާއި ކޮއްކޮ އާ ބައްދަލުކުރަން ލަސް ވޭގަސް އަށް ދިޔަ ކަމަށް ޖޯން ބުންޏެވެ. އަދި އޭނާ ބަލައި އެއާޕޯޓް އަށް އައީ ވެސް ކޮއްކޮ އާއި އޭނާގެ ދަރިފުޅު ކަމަށާއި ކޮއްކޮ ފެނުމުން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް ކުރުވި ކަމަށެވެ. އަދި ކޮއްކޮ ފެނުމާއެކު ބައްދާލި ކަމަށްވެސް އޭނާ ބުންޏެވެ.

ޖޯން ބުނީ ހޯދި ހޯދުންތަކުން 40 އަށް ވުރެ ގިނަ ތިމާގެ މީހުން އޭނާގެ ތިބޭކަންވެސް އެނގުނު ކަމަށެވެ.

"އަހަރެން ހުރީ މި ހުރިހާ ކަމެއް އެއްފަހަރާ އެނގުނީމަ ޕްރޮސެސް ނުވެފައި. ކުޑަ ޝޮކަކަށް ދިޔައީ. އެކަމަކު ވަރަށް އުފަލުން މިހުރީ. އެމީހުން އަހަރެންނަށް މަރުހަބާ ކީ ފެންކަޅިވެފައި ހުރި ހާލު،" ޖޯން ބުންޏެވެ.