އެމްޑީޕީ އާ ގުޅިވަޑައިގަތް ފަހުން ހަތަރު މަސް ވާން ކައިރިވެފައި ވަނިކޮށް، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނަކީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ މެންބަރެއްގެ ގޮތުގައި މިއަދު އެކަން ރިޔާސަތުން އިއުލާނު ކުރައްވައިފިއެވެ.

ޖަލްސާ ފެށުމުގެ ކުރިން ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މީގެ ކުރިން އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ސައުދު، އެމްޑީޕީ އާ ގުޅިވަޑައިގެން، މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިވާތީ އެކަން އިއުލާނު ކުރައްވާ ކަމަށެވެ.

އެހެންކަމުން، މަޖިލިހުގައި ޕާޓީތައް އެތުރިފައިވާ ގޮތަށް ކުޑަ ބަދަލެއް އައިސްފައިވެއެވެ. އެގޮތުން:

  • އެމްޑީޕީ: 66 މެންބަރުން
  • ޕީޕީއެމް: ހަ މެންބަރުން
  • ޕީއެންސީ، ޖުމްހޫރީ ޕާޓީ، އެމްއެންޕީ (ކޮންމެ ޕާޓީއެއްގައި ތިން މެންބަރުން)
  • އެމްޑީއޭ: ދެ މެންބަރުން
  • އަމިއްލަ މެންބަރުން: ހަތަރު މެންބަރުން

އެ ބަދަލާ އެކު، ސައުދުގެ ބަދަލުގައި މަޖިލީހުގެ 241 ކޮމިޓީ (ގައުމީ ސަލާމަތާ ގުޅޭ ކޮމިޓީ) އަށް ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅަން ޖެހެއެވެ.

އެކަމާ ގުޅޭގޮތުން މަޖިލިހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ އެކު މަޝްވަރާ ކުރައްވައި ގޮތެއް ނިންމަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ އެބޭފުޅުންނާ މިއަދު އެ ވާހަކަ ދެއްކުމަށް ފަހު ގޮތެއް ނިންމާނަން." ނަޝީދު ވިދާޅުވިއެވެ.

ސައުދު އެމްޑީޕީ އާ ގުޅިވަޑައިގަތީ މިދިޔަ ޖޫން މަހުގެ 29 ގައެވެ.