1927 އޭޕްރިލް 19 ގައި ހުޅުވިގެން ދިޔަ މަދަރުސަތުއް ސަލާހިއްޔާ، ނުވަތަ މަޖީދިއްޔާ ސްކޫލަކީ މާލޭގައި ހުޅުވުނު އެންމެ ފުރަތަމަ ސްކޫލެވެ. މަޖީދިއްޔާ ސްކޫލްގެ 95 އަހަރުވީ ދިގު ތާރީހުގައި، ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި އެތައް ބޭފުޅުންތަކެއް ވަނީ އެ ސްކޫލުން ތައުލީމް ހާސިލްކުރައްވައިފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ކުރީގެ ރައީސް އަލްމަރްހޫމް އިބްރާހީމް ނާސިރުން ފެށިގެން، އަދުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހަމައަށް ވެރިކަން ކުރެއްވި ހުރިހާ ރައީސުން ވެސް ތައުލީމް ހާސިލްކުރައްވާފައި ވަނީ މަޖީދިއްޔާ ސްކޫލުންނެވެ.

މަޖީދިއްޔާ ސްކޫލްގައި ތައުލީމް ހާސިލްކުރެއްވި އިސް ދަރިވަރުންތަކެއް ކުރީ ސަފުގައި / ފޮޓޯ: ރައީސް އޮފީސް

މަޖީދިއްޔާ އަށް 95 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސް އެންމެ ފުރަތަމަ ވެސް ވަނީ ސްކޫލް ދައުރުގެ ހަނދާންތައް އާކުރައްވައިފައެވެ. އެމަނިކުފާނުގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ، މަޖީދިއްޔާ ސްކޫލްގެ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންނެވޭ ކޮންމެ ފަހަރަކު ވެސް އުފާވެރި އިހްސާސްތަކެއް އެމަނިކުފާނަށް ކުރެއްވޭ ކަމަށެވެ.

"މަޖީދިއްޔާ ސްކޫލްގެ ހަރަކާތެއްގައި ބައިވެރިވެވޭ ކޮންމެ ފަހަރަކު، ވަރަށް އުފާވެރި އިހްސާސްތަކެއް އަޅުގަނޑަށް ކުރެވޭ. އަޅުގަނޑަށް ހަމަ ޔަގީން، މިތާ ތިއްބެވި ގިނަ ބޭފުޅުންނަށްވެސް އެ އުފާވެރިކަން އިހްސާސް ކުރެއްވޭނެ. ހަޔާތުގެ އެ ދުވަސްތަކަށް އެނބުރި ބަލާލާއިރު، ހަނދާން ނައްތާލަން ދަތި އެތައް ކަމެއް މިރޭ ހިޔާލަށް އަންނާނެ."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވި ގޮތުގައި، ކޮންމެ މީހެއްގެ ވެސް މަދަރުސީ ދައުރަކީ އެ މީހެއްގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއް މަރުހަލާއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ މީހެއްގެ މުސްތަގްބަލު ކަނޑައެޅިގެން ދަނީ މަދަރުސީ ދައުރުގައެވެ.

މަޖީދިއްޔާ ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ ބައެއް ދަރިވަރުން އެ ސްކޫލްގެ ދިދަ ހިފައިގެން / ފޮޓޯ: ރައީސް އޮފީސް

މަދަރުސީ ދައުރުގެ ދުވަސްތައް މިހާރު ވެސް އެމަނިކުފާނުގެ ހަނދާނުގައި އެބަ ހުންނެވި ކަމަށް ވިދާޅުވެ، ކުރިމަތީގައި ތިއްބެވި ބައެއް ބޭފުޅުންގެ ނަންތައް ފާހަގަކުރެއްވިއެވެ.

"ހެޑްމާސްޓަރު އިބްރާހީމް އިސްމާއީލް، ކްލާސް ޓީޗަރު ޑރ. ޙަސަން ޙަމީދު، އެހެން ގޮސް އުމަރުބެ، އަދިވެސް ވަރަށް ގިނަ ބޭފުޅުން މިތަނުން އެބަ ފާހަގަކުރަން. ސުނިލް، އެހެންގޮސް މިތިބީ ޒަކަރިއްޔާ މަންސޫރު، އެހެންގޮސް އަޅުގަނޑުމެންނާ އެކީގައި، ދެން އޭގެ ތަންކޮޅެއް ކުރިއަށް ޖެހިލާ އިރު، ހަމްދޫންމެން އުޅުއްވި. ޗަބީ (ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން)، އެހެންގޮސް ދެންނެވިދާނެ މިހެން ކިތަންމެ ނަމެއްވެސް. އޭރުގެ ނަންތައް ޝައުގީ. މިއަދުވެސް އަޅުގަނޑުގެ އެކުވެރިންގެ ގޮތުގައި، އޭރު ކުލާހުގައި އެކުގައި އުޅުނު ވަރަށް ގިނަ ދަރިވަރުން އެބަތިބި، އެންމެ ގާތް ރަހްމަތްތެރިންގެ ގޮތުގައި."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ، އެހެން މީހުންނަށް އިހްތިރާމުކޮށް، މީހުންނާ އެކު އުޅެން ދަސްވެ، ދިރިއުޅުމުގައި ބޭނުންވާ މިފަދަ ކަންތައްތައް ދަސްވީ މަޖީދިއްޔާ ސްކޫލްގެ ތެރެއިން ކަމަށެވެ. އަދި އެމަނިކުފާނުގެ ދިރިއުޅުމުގެ އަމަލީ މައިދާނަށް މަގުކޮށައިދިނުމުގައި މަޖީދިއްޔާ ސްކޫލްގައި އަދާކުރައްވަން އޭރު ޖެހިވަޑައިގަތް މަގާމުތައް މުހިންމު ދައުރެއް އަދާކުރި ކަމަށް، ވިދާޅުވިއެވެ.

"މީހުންނަށް އިހްތިރާމް ކުރުމާއި، އެހެން މީހުންނާ އެކުގައި އުޅެން ދަސްކުރުމާއި، ދިރިއުޅުމުގައި ބޭނުންވާ މިފަދަ ހުރިހާ ކަމެއް އަޅުގަނޑަށް ލިބުނީ، މި ހިޔާވަހިކަމުގެ ދަށުން ކަމުގައި އަޅުގަނޑަށް ދަންނަވަން ކެރިދާނެ. ސްކޫލް ޕްރިފެކްޓެއްގެ ގޮތުގައި ކުރަންޖެހުނު ކަންތައްތަކާއި، ސިކަންދަރީ ހައުސްގެ ކެޕްޓަންކަމާއި، ސްކޫލްގެ ގޭމްސް ކެޕްޓަންކަމުގެ މަގާމުގައި ހުރެ އަދާކުރަންޖެހުނު ދައުރަކީ، އަޅުގަނޑުގެ ދިރިއުޅުމުގެ ޢަމަލީ މައިދާނަށް މަގު ކޮށައިދިން ކަންތައްތައް." އެމަނިކުފާނު ވިދާޅުވިއެވެ.