ފާއިތުވި 200 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގައި އުމުރުން އެންމެ ހަގު ބޮޑުވަޒީރު އަދި މުޅި އެ ގައުމުގެ ތާރީހުގައިވެސް ދޮން ނޫން ބޭފުޅަކު ބޮޑުވަޒީރުކަން ކުރައްވާ ރިޝީ ސޫނަކްގެ އަނބިކަނބަލުން އަކްޝަތާ މުރުތީ އަކީ ބިލިއަނަރެކެވެ.
އިންޑިއާގެ ބިލް ގޭޓްސްގެ ނަމުން މަޝްހޫރު ބިލިއަނަރު ނަރަޔަނާ މުރުތީގެ އަންހެން ދަރިފުޅު އަކްޝަތާ އަކީ ބިލިއަނަރަކަށް ވުމުގެ އިތުރުން އުމުރުން 42 އަހަރުގެ، މިހާރު އިނގިރޭސި ބޮޑުވަޒީރުގެ އަނބިކަނބަލުންނެވެ.
ބައްޕަ، ނަރަޔަނާގެ މިލްކިއްޔާތުން އަކްޝަތާ އަށް ވާރުތަވާ މުދަލުގެ އަގު ބިލިއަނުން ގުނާލެވޭ އިރު، އިނގިރޭސިވިލާތުން ބޭރުގައި ހުންނަ އަދި ހިންގާ އަކްޝަތާގެ ވިޔަފާރިން ޓެކްސް ދައްކަވާކަށް ވެސް ނުޖެހެއެވެ. އަކްޝަތާ އާއި ރިޝީ ސޫނަކް އަކީ އިންޑިއާ ދަރިކޮޅުގެ ދެ ހިންދޫން ކަމަށް ވާތީ، އެ އިސްތިސްނާ ލިބެއެވެ.
ނަމަވެސް ދާދި ފަހުން އަކްޝަތާ ވަނީ، އިނގިރޭސިވިލާތުން ބޭރުގައި ހިންގާ އޭނާގެ ވިޔަފާރިންވެސް ޓެކްސް ދައްކަން އެއްބަސްވެފައެވެ.
ފަގީރު ފަގީރު ފެށުމަކުން މިއަދު ބިލިއަނަރެއްގެ ގޮތުގައި ހުރި އަކްޝަތާގެ ބައްޕަ ބުނެފައި ވަނީ، އޭނާއަށް 1980 ގައި އަކްޝަތާ ލިބުނު އިރު، އަކްޝަތާގެ މަންމަ ވިހޭކަން އެނގުނީ ރައްޓެއްސަކު ބުނީމައި ކަމަށާއި އޭރު އޭނާ ހުރީ މަސައްކަތުގައި އެހެން ރަށެއްގައި ކަމަށެވެ. އަދި ރައްޓެއްސެއްގެ ފަރާތުން އެކަން އެނގެން މެދުވެރި ވި ގޮތް ކިޔައިދެމުން އޭނާ ބުނީ ފަގީރު ކަމުން އޭރު ފޯނެއް ހޯދާނެ ވަރުވެސް އަތުގައި ނެތުމުން ސީދާ ގުޅާ ހަބަރު އޮޅުން ނުފިލުވެނީ ކަމަށެވެ.
ދިރިއުޅުން ފެށުނު ގޮތް ކިޔައިދެމުން އޭނާ އިތުރަށް ބުނީ، އަކްޝަތާ ލިބުނުތާ ދެތިން މަސްވެސް ނުވަނީސް ދެމަފިރިން ވަޒީފާއަށް ބޮމްބޭއަށް ދާން ޖެހުނު ކަމަށާއި، އެ ދަތުރަށް ފުރީ އަކްޝަތާ އޭނާގެ މާމަ އާ ހަވާލުކޮށްފައި ކަމަށެވެ.
ބޮމްބޭއަށް ދިޔަތާ އަހަރެއްގެ ތެރޭގައި މުރުތީ އަމިއްލަ ކުންފުންޏެއް ހަދާ އެ ކުންފުނީގެ ނަމަކަށް އިންފޯސިސް ކިޔެއެވެ. އައިޓީގެ މަސައްކަތް ކުރުމުގައި މިހާރުވެސް މަޝްހޫރު އެ ކުންފުންޏަކީ މިހާރު 700 މިލިއަން ޑޮލަރުގެ އަގު ހުރި ކުންފުންޏަކަށް ވުމުގެ އިތުރުން މުރުތީގެ ނަސީބު ކަމަށާއި މިއަދު ލިބިފައިވާ މުއްސަނދި ކަމުގެ އަސްލަކީ އެއީކަމަށް އޭނާ ބުނެއެވެ. މިއަދު އެތައް ބައިވަރު ވިޔަފާރިއެއް ކުރާ ބިލިއަނަރުގެ ދަރިފުޅު އަކްޝަތާގެ އާމްދަނީ އަކީ 1.2 ބިލިއަން ޑޮލަރެވެ.
މުރުތީގެ އެ ކާމިޔާބީއާއެކު އޭނާގެ ދަރިފުޅަށް ތައުލީމު ހާސިލުކޮށް ދިނުމަށް އެމެރިކާގެ ކެލިފޯނިއާގައި ހުންނަ މެކްކެންނާ ކޮލެޖަށް ފޮނުވިއެވެ. އެތަނުން އިކޮނޮމިކްސް އާއި ފްރެންޗް ދަސްކޮށް ފަހުން ފެޝަންގެ ދާއިރާއިން ޑިޕްލޮމާއެއް ހާސިލު ކުރެއްވިއެވެ. އަދި މަޝްހޫރު ބްރޭންޑްތައް ކަމަށް ވާ ޑެލޮއިޓޭ އާއި ޔުނިލިވާގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އިނގިރޭސިވިލާތުގެ ސްޓެންފޯޑް ޔުނިވާސިޓީން އެމްބީއޭއެއް ވަނީ ހާސިލު ކުރައްވާފައެވެ.
މިހާރުގެ ބޮޑުވަޒީރު ރިޝީ ސޫނަކް އާ އަކްޝަތާ ދިމާވަނީ އެ ޔުނިވާސިޓީންނެވެ.
2009 ގައި ކައިވެނި ބައްލަވައިގަން މި ދެކަނބަލުންގެ 2 އަންހެން ބޭފުޅުން މިހާރު އެބަތިއްބެވިއެވެ.
ހާދަ އުފާވެ އޭ މި ފޮނި އިނގިރޭސިންނާއި އެމެރިކާ މީހުންނަށް މި އަދު ޖެހިފަ މިވާ ހާލުން. އޭޝިޔާ މީހުން ދަށްކޮށް ލައިގެން އުޅުނު މީހުން ގެ ޤައުމު ހިންގާނެ ވެރިންނަށް މިވީ އެ މީހުން އެންމެ ފޫހިވާ އަދި އެންމެ ދަށްކޮށް ދެކޭ އަހަރު އޭޝިޔާ ބައްރުން މީހުން