މި އަހަރު ނިމުމުގެ ކުރިން ރިޔާސީ ޕްރައިމަރީ ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށް، އެމްޑީޕީން ބުނެފިއެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ހަވާލާދެއްވާ، ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އިބްރާހީމް ވަހީދު ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުން ދަނީ މި އަހަރު ނިމުމުގެ ކުރިން ޕްރައިމަރީ ބޭއްވުމަށް ކަމަށެވެ.
ނަމަވެސް ޕްރައިމަރީ ބާއްވާނެ ސީދާ ތާރީހް އަދި ދަންނަވަން ނޭނގޭ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދެން އެންމެ އަވަހަށް ބާއްވާ އެމްޑީޕީގެ ގައުމީ ޖަލްސާގައި ޕްރައިމަރީގެ ކަންކަން ބެލެހެއްޓުމަށްޓަކައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އެއް ހޮވައި، ޗެއާޕާސަންގެ ލަފާގެ މަތިން ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، އެއް މަސް ދުވަހަށް ކެމްޕެއިންކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން، އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ އާންމު މެންބަރުންނަށް ހުޅުވާލައިގެން ބާއްވާ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީގެ ކަންކަން އިންތިޒާމް ކުރާނީ އެމްޑީޕީގެ ގައުމީ މަޖިލިހުން އެކުލަވާލާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވައިފައެވެ.
މި އަހަރު ނިމުމުގެ ކުރިން އެމްޑީޕީން ޕްރައިމަރީ ބާއްވާނެ ކަމަށް ބުނެފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކަމަށް، އެ ކޯލިޝަނުން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. ޔާމީނަށް ޓިކެޓް ދީފައި ވަނީ އިދިކޮޅުގެ ސެނެޓުގެ އިއްތިފާގުންނެވެ.