ވޭތުވެދިޔަ ތިން އަހަރު ސަބްސިޑީގެ ގޮތުގައި ސަރުކާރުން 4.2 ބިލިއަން ރުފިޔާ ހޭދަކޮށް، ސަބްސިޑީގެ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކުރީ ކަރަންޓަު އަގުހެޔޮ ކުރުމަށް ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުގެ ސުވާލަށް ލިއުމުން ދެއްވި ޖަވާބުގައި އަމީރު ވަނީ ދައުލަތުން ސަބްސިޑީ އަށް ހަރަދުކުރި އަދަދުތަކުގެ ތަފާސްހިސާބުތައް ހާމަކުރައްވައިފައެވެ. އެގޮތުން:

ދައުލަތުގެ ބަޖެޓުން ސަބްސިޑީ އަށް ކުރި ހަރަދު

  • 2019: 491،687،477ރ
  • 2020: 160،708،767ރ
  • 2021: 99،864،040ރ

ކަރަންޓު އަގުހެޔޮ ކުރުމުގެ ގޮތުން ދޭ ފައިސާ

  • 2019: 468،498،920ރ
  • 2020: 661،468،454ރ
  • 2021: 735،584،965ރ

ފެން އަގުހެޔޮ ކުރުމުގެ ގޮތުން ދޭ ފައިސާ

  • 2021: 40،638،551ރ

ކާބޯތަކެތި އަގުހެޔޮ ކުރުމުގެ ގޮތުން ދޭ ފައިސާ

  • 2019: 321،042،252ރ
  • 2020: 422،952،728ރ
  • 2021: 238،938،307ރ

ޕްރީ ސްކޫލް ހިންގުމަށް ދޭ އެހީ

  • 2019: 21،247،326ރ
  • 2020: 19،750،745ރ
  • 2021: 20،674،633ރ

ފިއުލް ސަބްސިޑީ

  • 2021: 460،323،692ރ

ތަފާސްހިސާބުތައް ހާމަކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ، ޓްރާންސްޕޯޓް ސަބްސިޑީ އަށް ދައުލަތުން ކުރާ ހަރަދުތައް އިތުރުވަމުން ދާތީ، މި އަހަރު ވަކި ބަޖެޓް ކޯޑެއް ކަނޑައަޅައި ފިއުލް ސަބްސިޑީ އެ ކޯޑުގެ ދަށުން ދެމުން ގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކާބޯތަކެތީގެ ސަބްސިޑީ މިހާރު ދެމުން ދަނީ ކާބޯތަކެތީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުންނެވެ. އެހެންމަުން ހުރިހާ ފަރާތްތަކަކަށް ވެސް މި ސަބްސިޑީ ލިބޭ ކަމަށާއި، އެ ސަބްސިޑީގެ ދަށުން މުއްސަނދިންނާއި ފަތުރުވެރިންގެ އިތުރުން ވިޔަފާރިތަކާއި ބިދޭސީންނަށް ފައިދާވަމުންދާ ކަމަށް ވިދާޅުވިއެވެ.

"އަދި ވިޔަފާރިތަކަށް ދެވޭ ސަބްސިޑީ އަކީ ވެސް ސަބްސިޑީ ހައްގުވާ ހުރިހާ ވިޔަފާރިތަކަށް އެއްވަރަށް ދެވޭ ސަބްސިޑީ އެއް."

އަދި އެންސްޕާ މެދުވެރިކޮށް، ފަގީރު ހާލުގައި ދިރިއުޅޭ އާއިލާތަކަށް ކާޑުގެ އެހީ ދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަމީރު ވިދާޅުވި ގޮތުގައި އެ ސަބްސިޑީ އަށް ޝަރުތު ހަމަވާ އާއިލާ ކަމަށް ބަލަނީ ރާއްޖޭގެ ޕަވަޓީ ލައިނަށް ވުރެ މަދުން އާމްދަނީ ލިބޭ އާއިލާތަކެވެ. އެ ސަބްސިޑީ އަކީ އަމިއްލަ އަށް އެދުމުން ދެވޭ ސަބްސިޑީއެއް ކަމަށް ވެސް ވިދާޅުވިއެވެ.