މުދަލާއި ހިދުމަތުން ނަގާ ޓެކުސް ނުވަތަ ޖީއެސްޓީ އާއި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް ފާސް ކުރަން ކުރާ މަސައްކަތާ ހިޔާލު ތަފާތުވެ އެމްޑީޕީގެ މެންބަރުންގެ މެދުގައި ހޫނު ޒުވާބެއް ހިނގައިފިއެވެ.
މިއަދު މުޅި މަޖިލީހު ކޮމިޓީ ކުރިއަށް ދިޔަ އިރު، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޖީއެސްޓީ ބޮޑުކުރަން ތާއީސު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވީ، ޓެކްސް ބޮޑު ކުރުމުގެ ކުރިން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ކޮށްފާނެ އަސަރު ދެނެގަނެ ނުކުމެދާނެ ނަތީޖާތައް ރަނގަޅަށް ވަޒަން ކުރަން ޖެހޭނެ ކަމަށެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބައެއް މެންބަރުންގެ ވާހަކަތައް އެމަގަށް ހުރުމާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ބައެއް މެންބަރުން ވަނީ އަޑުގަދަ ކުރައްވާފައެވެ.
މުޅި މަޖިލީހުގެ ކޮމިޓީ ހޫނުވެ ބަހުގެ ހަމަލާތައް ރައްދު ކުރީ، އެ ބިލް އޮތް ގޮތަށް ފާސްކުރަން 3 ލައިން ވިޕެއް އެމްޑީޕީން ނެރެގައި އޮތުމުން، އެހެން ފަރާތަކާ މަޝަވްރާއެއް ކޮށްލާނެ ޖާގަވެސް ނެތް ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވުމުންނެވެ.
އާޒިމް އިތުރަށް ވިދާޅުވީ، ބިލްގެ ކޮމިޓީ މަރުހަލާއެއް ކުރިން ދުވަހު ހިނގަމުން ދަނިކޮށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕު އެއްވެލާފައި ކުއްލިއަކަށް 3 ލައިން ވިޕެއް ނެރުނީ ކަމަށެވެ.
މަޖިލީހުގެ ކޮމިޓީ މިއަދު ހޫނުވެ ހިނގި ދެބަސް ވުމާއެކު، ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ބިލާ ގުޅޭ ގޮތުން ހިޔާލާއި މަޝްވަރާ ހޯދުމަށް ކަމާގުޅޭ އިދާރާތަކުން ކޮމިޓީއަށް އައުމަށް ސިޓީ ފޮނުއްވާފައި ވާ ކަމަށެވެ.
ޓެކްސް ބޮޑުކުރާ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އެ ބިލުގައި ވަނީ ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށެވެ.