ޗާގޯސް މައްސަލައިގައި އިން ވަކިކުރާއިރު މޮރިޝަސްއަށް ވުރެ ރާއްޖެއަށް ލިބޭ ބައި ކުޑަވާނެ ކަމަށް ޕްރޮފެސަރު އަދި މި މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަހަވަން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގަން ޕަޔަމް ވިދާޅުވީ ފުށުއަރާ ސަރަހައްދު އެއްކޮށް ރާއްޖެއަށް ލިބެންޖެހޭނެ ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށާއި އެކަމަކު އެއީ ކަނޑުގެ ސަރަހައްދު ބެހުމުގައި އޮންނަ އުސޫލެއް ނޫން ކަމަށެވެ. އަދި ދެ ގައުމުގެ އިން ފުށުއަރާ 100،000 އަކަ ކިލޯމީޓަރުގެ ރާއްްޖެއަށް ލިބޭނީ 43،000 އަކަ ކިލޯ މީޓަރަށް ވުރެ ކުޑަކޮށް ނަމަވެސް މޮރިޝަސްއަށް އެއަށްވުރެ ބޮޑުކޮށް ލިބޭނެ ކަމަށާއި އެހެންނަމަވެސް ދެ ގައުމަށް ލިބޭ ބައި އަޅާ ކިޔާއިރު މާ ބޮޑު ފަރަގެއް ނޯންނާނެ ކަމަށްވެސް ޕްރޮފެސަރު ވިދާޅުވިއެވެ. އަދި ފުަށޫ އަރާ އިމުން ރާއްޖެއަށް ގެއްލޭނެ ކަމަށް ބެލެވެނީ 3 ނުވަތަ 4 ކިލޯމީޜަޓު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފްރޮފެސަރު ވިދާޅުވީ މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބުނަނީ އިން ވަކިކުރުމަށް ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް ކަމަށް ވިޔަސް ރާއްޖޭން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި އެއީ ރަށެއްގެ ގޮތުގައި ޓްރައިބިއުނަލުން ބަލައިނުގަންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެއްވޭ ކަމަށްވެސް ޕްރޮފެސަރު ވިދާޅުވިއެވެ.

ކޮންމެ ގައުމެއްގެ ވެސް އިގްތިސާދީ ހާއްސަ ސަރަހައްދު ކަމުގައި ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާފައި އޮންނަ 200 ނޯޓިކަލް މޭލު ރާއްޖެއަށް ލިބޭއިރު އެހެން ގައުމެއްގެ އިމާ ފުށުނާރާ ގޮތަށް އޮންނަ ތަނެއް އުސޫލަކުން ބަހަން ޖެހޭނެކަން ފާހަގަކުރައްވާ ޕްރޮފެސަރު ވިދާޅުވީ އެގޮތަށް ބަހަން ޖެހުމުން ގެއްލޭ ބަޔަކީ އިގްތިސާދީ ސަރަހައްދު ގެއްލިގެން ދިއުން ނޫން ކަމަށެވެ.

މީގެ އިތުރުން އދ ގެ އާންމު މަޖިލީހުގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނުމުން ބަހަންޖެހޭ ސަރަހައްދަށް ބަދަލު ނާންނާނެ ކަމަށެވެ. އަދި ޓްރައިބިއުނަލްގައި ހިނގާ މައްސަލައަށް އަންނާނެ ބަދަލެއް ވެސް ނެތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޓްރައިބިއުނަލްގައި ރާއްޖޭގެ ފަރާތުން ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާ ހަވާލާދީ ރަނގަޅު ނުކުތާތަކެއް ފާހަގަކޮށްފައި ވާނެ ކަމަށާއި މައްސަލަ ވަރަށް ވަރުގަދަ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޕްރޮފެސަރު ވިދާޅުވިއެވެ. އަދި ޗާގޮސް އަކީ ރާއްޖޭގެ ބައެއް ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމަށާއި އައިސީޖޭ އިން މިހާރު ވަނީ ޗާގޮސް އަކީ މޮރިޝަސްގެ މިލްކެއް ކަމަށް ކަނޑައަޅާފައި ކަމަށްވެސް ޕްރޮފެސަރު ވިދާޅުވިއެވެ.