ޗާގޯސް މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލުވުމުގައި އެއްވެސް ގައުމެއްގެ ނުފޫޒެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިރޭ ރައީސް އޮފީހުންގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ އިންޑިއާ އަދި އިންޑިއާ ނޫން އެހެން އެއްވެސް ގައުމެއްގެ ނުފޫޒެއް އެކަމުގައި ނެތް ކަމަށާއި އެއީ ރާއްޖޭގެ އަމިއްލަ ސްޓޭންޑެއް ކަމަށެވެ.
މިއުވާން މިފަދައިން ވިދާޅުވި ނަމަވެސް އެކަމުގައި އިންޑިއާގެ ނުފޫޒު އޮތް ކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
މިއަދު ހަވީރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލު ވެމެއްގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވަނީ ސަރުކާރުގެ އަމަލާއި ވާހަކަތައް ހުރި ގޮތުން މިކަމުގައި އިންޑިއާގެ ދައުރާއި ނުފޫޒު އޮތް ކަމަށް ގަބޫޫލު ކުރެއްވޭ ކަމަށާއި މޮރިޝަސް އަކީ އިންޑިއާއާ ވަރަށް ބޮޑު ގުޅުމެއް އޮތް ގައުމެއް ކަމަށް ފާހަގަ ކުރައްވާފައެވެ.
އިންޑިއާއިން ރާއްޖޭގެ މެދާއި އުތުރުގައި އަދި ލ އަތޮޅުގައިވެސް ބަނޑަހަ ޖަހައިފި ކަމަށް ވިދާޅުވަމުން މުނައްވަރު ވަނީ މި މައްސަލާގައި އިންޑިއާގެ ނުފޫޒު އޮތުމުގެ ފުުރުސަތު ބޮޑު ކަމަށާއި ކަންކަން ހާމަ ކުރެއްވުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި މުނައްވަރު ވަނީ އެ ވާހަކަ ވިދާޅުވަނީ ސިޔާސީ ވެގެން ނޫން ކަމަށާއި އެއީ ރާއްޖެ މިހާރު އޮތް ހާލަތުން ވިދާޅުވާން ޖެހޭ ވާހަކައެއް ކަމަށެވެ.
މީގެ އިތުރުން ޗާގޮސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑު ބަދަލުވުން ގުޅިފައިވަނީ އިންޑިއާއާ ކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވެސް ވަނީ ވިދާޅުވެފައެވެ.
ނުފޫޒު އޮތިއްޔާ އެވާހަކަ ބުނެވޭނެބާ.