ބޮޑުވަޒީރުކަން ލިބިވަޑައިގަންތާ 45 ދުވަސް ތެރޭ ލިޒް ޓްރަސް އިސްތިއުފާ ދެއްވުމާއެކު، އާ ބޮޑުވަޒީރުގެ މަގާމު އިންޑިއާ ދަރިކޮޅުގެ ބޭފުޅެއް ކަމަށް ވާ ރިޝީ ސޫނަކް ޔަގީން ކުރައްވައިފިއެވެ.

އިނގިރޭސި ވިލާތުގައި މިހާރު އޮތް ސަރުކާރުގެ ބޮޑުވަޒީރު އަންޔަން ކުރަނީ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ އެމްޕީންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވާ ބޭފުޅެކެވެ.

ލިޒް ގެ އިސްތިއުފާއާ އެކު ބޮޑުވަޒީރު ކަމުގެ ރޭހަށް ނުކުމެވަޑައިގަތީ ސޫނަކާއި ޕެނީ މޯޑާންޓް އާއި ބޮރިސް ޖޯންސަންއެވެ. ނަމަވެސް ޖޯންސަންގެ މައްޗަށް ޕެނީ އާއި ސޫނަކް ކުރި ހޯއްދެވުމުން ދެން ވާދަ ކުރައްވަމުން ގެންދެވީ އެ ދެބޭފުޅުންނެވެ. ދެބޭފުޅުންވެސް ރޭގެ ނިޔަލަށް މަދުވެގެން 100 އެޕާޓީގެ އެމްޕީންގެ ތާއީދު ހޯއްދަވަން ޖެހިވަޑައިގަނެއެވެ.

ރިޝީ ސޫނަކް، ޕެނީ މޯޑަންޓް، ބޮރިސް ޖޯންސަން

ސޫނަކް ބޮޑުވަޒީރުކަން ޔަގީން ކުރެއްވީ 193 އެމްޕީންގެ ތާއީދާ އެކުގައެވެ. ޕެނީ އަށް ލިބިވަޑައިގަތީ 26 އެމްޕީންގެ ތާއީދެވެ.

ސޫނަކް ބޮޑުވަޒީރުކަން ޔަގީން ކުރެއްވުމާއެކު، އިސްތިއުފާ ދެއްވާކަން އިއުލާން ކުރައްވާ، އެހެނަސް އާ ބޮޑުވަޒީރު ހުވާ ކުރައްވަންދެން މަގާމުގައި ދެމި ހުންނެވި ލިޒް، ރަސްގެފާނު ޗާލްސް 3 ގެ އަރިހަށް ވަޑައިގެން ރަސްމީކޮށް އިސްތިއުފާ ދެއްވަން ޖެހިވަޑައި ގަންނަވާނެއެވެ. އެއަށް ފަހު ޗާލްސް، ސޫނަކާ ބައްދަލު ކުރައްވާ ރަސްމީކޮށް ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގަތުމަށް ދެންނެވުމުން، ސޫނަކު ހުވާ ކުރެއްވުމުގެ ކަންކަން ފެށޭނެއެވެ.

އިނގިރޭސި ރަސްކަމުގައި ވެރިކަން ނުވަތަ ބޮޑުވަޒީރު ބަދަލު ކުރުން ހިނގަމުން ދަނީ މިގޮތަށެވެ.

ސޫނަކު ބޮޑުވަޒީރުކަން ކާމިޔާބު ކުރެއްވުމުން ގިނަ ބަޔަކު މަރުހަބާ ކިޔާފައި ވީ ނަމަވެސް އިދިކޮޅު ޕާޓީތަކުން ވަނީ ފާޑު ކިޔާފައެވެ. އެގޮތުން ލިބަރަލް ޕާޓީން ބުނީ ސޫނަކް މިހާރު ހުރީ "ޓަޗް ގެއްލިފައި" ކަމަށާއި ވަގުތުން އާންމު އިންތިހާބެއް ބޭއްވުމަށެވެ.

"ކޮންޒަވޭޓިވުން އަހަރެމެންގެ އިކޮނޮމީ ހަލާކު ކޮށްލައިފި، ސިއްހީ ނިޒާމު އޮތީ ކިރިޔަ ކިރިޔާ، ރައްޔިތުންގެ އަތުން މޯގޭގްގެ ގޮތުގައި އެތައް ފައިސާއެއް ނަގައިފި"
އެމްޕީ އެޑް ޑޭވީ

ލޭބާ ޕާޓީން ބުނީ، ސޫނަކުގެ މެންޑޭޓެއްވެސް ނެތް ކަމަށާއި ދެއްވާނެ ޖަވާބެއްވެސް ނެތުމުގެ އިތުރުން އައިޑީއާއެއް ވެސް އޭނާގެ ނެތް ކަމަށެވެ. އަދި އާންމު އިންތިހާބަކަށް އެ ޕާޓީންވެސް ވަނީ ގޮވާލާފައެވެ.

ސޫނަކުގެ ކާމިޔާބީ އާ ގުޅިގެން އެޕާޓީގެ ޗެއާމަން ޖޭކް ބެރީ ވަނީ، ހުރިހާ ކޮންޒަވޭޓިވް މެންބަރުން ސޫނަކާ އެކު މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ސޫނަކު އޭނާގެ އާއިލާ އާ އެކު

ސޫނަކަކީ ފާއިތުވި 200 އަަހަރުގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގަންނަވާ އެންމެ ހަގު ބޭފުޅާއެވެ. މިހާރު އޭނާގެ އުމުރަކީ 42 އަހަރެވެ.

ސޫނަކް ވަނީ އިނގިރޭސި ގާނޫނު ހަދާ މަޖިލިހުގައި 2015 ވަނަ އަހަރު މަސައްކަތް ކުރައްވާ، އޭގެ ފަހުން ކުރީގެ ބޮޑުވަަޒީރު ތެރީސާ މޭގެ ސަރުކާރުގައި ޖޫނިއާ މިނިސްޓަރެއްގެ މަގާމު ފުރުއްވާފައެވެ. ސޫނަކް ވަނީ ބޮރިސް ޖޯންސަންގެ ބޮޑުވަޒީރު ކަމުގައި 2019 ވަނަ އަހަރު ޗީފް ސެކްރެޓަރީ ޓު ދަ ޓްރެޝަރީގެ މަގާމު ފުރުއްވުމުގެ އިތުރުން ޗާންސެލާ ނުވަތަ ފިނޭންސް މިނިސްޓަރުގެ މަގާމު 2020 ވަނަ އަހަރު ކުރައްވާފަވެ.